މާލޭ، މާވެޔޮ މަގުގައި ހުރި ފިހާރައަކުން ވައްކަން ކުރި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ފަތިހު 4:20 ހާއިރު، އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދަނިކޮށް މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަން ފާހަގަކުރެވިގެން ފުލުހުން ވަނީ އެސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބަލައި ދެނެގަނެ ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދައި ހައްޔަރުކޮށްފައެވެ.
އެފިހާރައިން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓު ކާޓަންތަކެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް, 26 އާއި ހަމަ އެރަށު، ލިލީގެ، މުހައްމަދު ސޮބާހު, 46 އާއި ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އިބްރާހިމް މުހައްމަދެވެ.
މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އެމީހުން ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓަށް ވަނީ އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައެވެ.