ހުރަވީ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން ދަރިވަރުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝިމާ ނިޔާވި ޚަބަރު އަޑު އެއްސެވީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުގައި ކަމަށެވެ. އަދި ދަރިވަރުގެ ބެލެނިވެރީންނަށާއި އާއިލާގެ އިތުރުން ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުން އަދި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
މާތްﷲގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި، ޝިމާ ލެހެއްޓެވުން އެދި ވެސް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ މުހައްމަދު ނިޔާވީ މިއަދު ސްކޫލުގައި އިންދައި ކުއްލި ގޮތަކަށެވެ.
ފުހުން ހާމަކުރި ގޮތުގައި ސްކޫލުގައި އިންދާ ސިއްހީ ހާލަތެއް ދިމާވެ ޝިމާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ޝިމާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.