ޤުރުއާން ކިޔެވުން ބޮޑަށް ރަނގަޅީ މުޞްޙަފުންތަ؟ ނޫނީ ފޯނުންތަ؟

މިއަދު މިސްކިތްތަކުން ފެންނަ މަންޒަރެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އެއީ، މިސްކިތުގައި މުޞްޙަފުތައް ހުންނައިރު، މުޞްޙަފުތަކުގެ ބަދަލުގައި އަތުގައި އޮންނަ ސްމާޓްފޯނުން ބައެއް މީހުން ޤުރުއާން ކިޔަވާތަނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހެއްގެ ވަގުތު ޤުރުއާން ކިޔެވުންފަދަ މާތް އަޅުކަމެއްގައި ހޭދަކުރުމަކީ ހެޔޮކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. ނަމަވެސް، މުޞްޙަފަކުން ބަލައިގެން ކިޔެވެން އޮންނަ ޙާލަތުގައި އޭގެ ބަދަލުގައި ފޯނުން ބަލައިގެން ކިޔެވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މި ދެކަން އެއްވަރު ވެގެން ނުވެއެވެ. މުޞްޙަފް ބަލައިގެން ކިޔެވޭނެ ފުރުސަތު އޮތްނަމަ މޮޅުއިތުރު ގޮތަކީ، ފޯނުން ބަލައިގެން ކިޔެވުމަށްވުރެ މުޞްޙަފުން ބަލައިގެން ކިޔެވުމެވެ. ގިނަ ސަބަބުތަކަކަށްޓަކައެވެ. އޭގެ ތެރެއިން ބައެއް ކަންކަން ޛިކުރުކޮށްލަމެވެ.

ފުރަތަމައީ: މުޞްޙަފަކީ އެއަށް ޚާއްޞަ ޙުރުމަތެއް ލިބިގެންވާ އެއްޗެކެވެ. އަދި ފޯނަކީ އޭގެ ޒާތުގައި އެއަށް ވަކި ޚާއްޞަ ޙުރުމަތެއް ލިިބިގެންވާ އެއްޗެއް ނޫނެވެ. މިސަބަބަށްޓަކައި، ފޯނު ޖީބުގައި ބާއްވައިގެންވެސް ފާޚާނާއަށް ވަނުން ހުއްދައެވެ. ނަމަވެސް، މުޞްޙަފް ހިފައިގެން ވަނުން ހުއްދަވެގެން ނުވެއެވެ.

ދެވަނައީ: ޤުރުއާން ކިޔެވުމުގައި މި ޙާލަތުގައި އަޞްލަކީ މުޞްޙަފުން ބަލައިގެން ކިޔެވުމެވެ. ފޯނުން ބަލައިގެން ކިޔެވުމަކީ ފަރްޢެކެވެ. އަދި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވާގޮތުގައި، އަޞްލު އޮތް ތަނެއްގައި، ފަރްޢުގެ ބޭނުން ކުރުމެއް ނެތެވެ. އެހެންކަމުން މުޞްޙަފަކީ އަޞްލު ކަމަށްވުމުން، މި އަޞްލުގެ ބޭނުން ހިފެން އޮތް ތަނެއްގައި، އޭގެ ފަރްޢެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް – މިސާލަކަށް ފޯނު – ބޭނުން ކުރުމެއް ނެތެވެ.

ތިންވަނައީ: މުޞްޙަފަށް މާތްކޮށް ހިތުން ވާޖިބުވެގެން ވެއެވެ. އެއީ އޭގެ ދެ ބަނޑޭރިގަނޑުގެ ދެމެދުގައިވާﷲ ގެ ކަލާމްފުޅުގެ މަތިވެރިކަމަށްޓަކައެވެ. މިއީ ފޯނަށް ލިބިގެންވާ ސިފައެއް ނޫނެވެ.

ހަތަރުވަނައީ: މުޞްޙަފަކީ ޤުރުއާނަށް ޚާއްޞަ އެއްޗެކެވެ. ނަމަވެސް، ފޯނަކީ އޭގައި ޤުރުއާންވެސް، އަދި އެނޫން އެކި އެޕްލިކޭޝަންތަކާއި، ފޮޓޯތަކާއި، ވީޑިއޯ ފަދަ ތަކެތި ހުންނަ އެއްޗެކެވެ.

ފަސްވަނައީ: މުޞްޙަފުން ޤުރުއާން ކިޔެވުމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ބަންގި ގޮވުމާއި އަދި މިނޫންވެސް، އިސްލާމްދީނުގެ އެހިނެހެން ޝިޢާރުތަކެކޭ އެއްގޮތަށް، މި ޝިޢާރަކީވެސް ފާޅުކޮށް ފަތުރަންޖެހޭ ޝިޢާރެކެވެ. މުސްލިމުންގެ އެއްޖީލުން އަނެއް ޖީލަށް ވާރުތަވާންޖެހޭ ކަމެކެވެ. މުސްޙަފުތައް ޗާޕު ކުރެވި މިސްކިތްތަކުގައި ބެހެއްޓެނީ އެހެންވެގެެނެވެ. އެ މުޞްޙަފުތައް ހުންނައިރު، އެ މުޞްޙަފުތަކުން ނުކިޔަވައި، ހަމައެކަނި ހަރުތަކުގައި ޖަހާފައި ބެހެއްޓުމަކީ ޤުރުއާން ހަޖުރުކުރުމުގެ ތެރެއިން ހިމެނިދާނެ ކަމެކެވެ. މުޞްޙަފެއް ނަގާ މީހާ ޢާންމުގޮތެއްގައި އެ މުޞްޙަފުން ކިޔަވާނެއެވެ. ނަމަވެސް، ފޯނު ނަގާ ކޮންމެ މީހަކީ ޤުރުއާން ކިޔަވައިފާނެ މީހެއްކަމުގައި ވުން ގާތްވެގެނެއް ނުވެއެވެ.

ހަވަނައީ: ފޯނުން ބަލައިގެން ޤުރުއާން ކިޔަވާ މީހާ، ފޯނަށް އަންނަ ނޮޓިފިކޭޝަންތަކާއި، ކޯލްތަކާއި މެސެޖްތަކާހުރެ، ކިޔެވުން ހުއްޓާލުން ގާތްވެގެން ވެއެވެ. އަދި ބައެއްފަހަރު، ފޯނުން ބައެއް ބޭކާރު ވެބްސައިޓުތަކަށް ވަދެވި، މުޅި މަޤްޞަދުން އެއްފަރާތްވެގެން ހިނގައިދެއެވެ.

ހަތްވަނައީ: ޤުރުއާން އެޕްލިކޭޝަންތައް ކަމަށްބުނެ ހަދާފައި ހުންނަ ބައެއް އެޕްލިކޭޝަންތަކުގައި ބައެއް ފަހަރު ނުބައިކޮށް ފިލިޖެހުމާއި، ކަލިމަތައް ލިޔެފައިހުރުން ފަދަ ކަންތައްތައް މަދުން ނަމަވެސް ދިމާވެފައި ވެއެވެ.

މި ދަންނަވަނީ، މުޞްޙަފެއް އޮވެފައިމެ، ފޯނުން ބަލައިގެން ޤުރުއާން ކިޔަވައިފިނަމަ ސަވާބު ނުލިބޭނެއެކޭ ނޫނެވެ. ނުވަތަ އެގޮތް ހުއްދަ ނުވާނެއެކޭވެސް ނޫނެވެ. ނަމަވެސް، އެއީ އެކަށީގެންވާ އެންމެ ރަނގަޅު ގޮތް ނޫންކަމުގެ ވާހަކައެވެ. މުޞްޙަފެއް ނެތް ޙާލަތެއްގައި ފޯނުން ބަލައިގެން ޤުރުއާން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. ތިމާ އަތުގައި މުޞްޙަފެއް ނޯންނަ ވަގުތެއް އަތުވެއްޖެނަމަ، މިއަދު ފޯނުން ބަލައިގެންވެސް ޤުރުއާން ކިޔެވިދާނެއެވެ. ނަމަވެސް، ހަތްވަނަ ނުކުތާގައި ފާހަގަކޮށްފައިވާނެ ފަދައިން، ފޯނަށް އަޅާ ޤުރުއާން އެޕްލިކޭޝަނަކީ ރަނގަޅު އެއްޗެއްތޯ ޔަޤީންކުރަން ވާނެއެވެ. އެގޮތުން، މުޞްޙަފު ޗާޕުކުރާ ކާރުޚާނާ (މުޖައްމަޢުލް މަލިކު ފަހުދު) ގެ ޗާޕާ އެއްގޮތް އެޕްލިކޭޝަނެއްތޯ ޔަޤީންކުރަން ވާނެއެވެ. މިއީ މިމައްސަލާގައި އައްޝައިޚް ޞާލިޙުލް ފައުޒާން حَفِظَهُ اللهُ އާއި އައްޝައިޚް ޢުބައުދުލް ޖާބިރީ رَحِمَهُ اللهُ އަދި މިނޫންވެސް އެތައް ޢިލްމުވެރިންނެއްގެ ފަތުވާއެވެ.

މިއާއެކުވެސް، މިތަނުގައި މުހިންމު އިތުރު ކަމެއް ޛިކުރުކޮށްލަމެވެ. މި ލިޔުމުގައި ޚާއްޞަކޮށް އަލިއަޅުވާލެވިފައި މިވަނީ، މިސްކިތުގައި، މުޞްޙަފުތައް ހުރި ތަނެއްގެ ވާހަކައެވެ. ނަމަވެސް، މިސާލަކަށް، މީހަކު އޭނާ ހުރި ތަނެއްގައި ޤުރުއާން ކިޔަވަން ބޭނުންވީއެވެ. އޭނާއަށް މުޞްޙަފު ބަލައިގެން ކިޔަވާނަމަ ކިޔެވެން އޮތީ (ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅު ކަމުގައިވާ، މުޞްޙަފުގައި ބީހޭނަމަ ވުޟޫކުރަން ޖެހޭނެކަމަށް އޮންނަ ބަސްފުޅު އޭނާ ޤަބޫލުކުރާތީ އެގޮަތަށް) ވުޟޫކޮށްގެނެވެ. ނަމަވެސް، އެކަމަށް އޭނާގެ ނަފްސު ނޭދެއެވެ. އެއީ ފިނިކަމުގެ ސަބަބުން، ނުވަތަ ފެންޖެހެން ބޭނުން ނުވުމުގެ ސަބަބުން، ނުވަތަ ކަންނެތްކަމުގެ ސަބަބުންނެވެ. މިޙާލަތުގައި، ވުޟޫ ކުރަން ބޭނުންނުވާތީ، މުޞްޙަފް ނުއުފުލޭނެތީއޭ ކިޔައި ޤުރުއާން ކިޔެވުން ދޫކޮށްލައިގެން ނުވާނެއެވެ. މި ޙާލަތުގައި ފޯނުން ބަލައިގެންވެސް ކިޔަވަން ވާނެއެވެ. އެއް ހެޔޮ ޢަމަލު ދޫވެގެންދާތީ، އަނެއް ހެޔޮ ޢަމަލު އެކުއެކީ ދޫކޮށްލައިގެން ނުވާނެއެވެެ. މިހުރިހާ ކަމެއްވެސް ރުޖޫޢަވަނީ ނަފްސަށް އެންމެ މަންފާހުރި ގޮތް ދެނެގަތުމާއި، ދީނީ ފިޤުހު ތަޠުބީޤު ކުރުމުގެ މައްޗަށެވެ. والله أعلم

ގުޅުންހުރި