ސޫރަތުލް އިޚްލާޞްގެ މާތްކަމުގެ ތެރެއިން

ސޫރަތުލް އިޚްލާޞް އަކީ ކީރިތި ޤުރުއާނުގެ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން އެއް ސޫރަތެވެ. ނަމަވެސް، މި ސޫރަތަކީ ނުހަނު މާތް ސޫރަތަކެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އަބުއް ދަރްދާ رَضِيَ اللهُ عَنْهُ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ فِي لَيْلَةٍ ثُلُثَ الْقُرْآنِ؟” މާނައީ: “އެންމެ ރެއަކުން ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމަށް ތިޔަބޭކަލުންގެ ތެރެއިން ބޭކަލަކު ނުކުޅެދުންތެރިވަމުތޯއެވެ؟” އަޞްޙާބް ބޭކަލުން ދެންނެވޫއެވެ. “(އެންމެ ރެއަކުން) ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވާނީ ކިހިނަކުންތޯއެވެ؟” އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “قُلْ هُوَ اللهُ أَحَدٌ تَعْدِلُ ثُلُثَ الْقُرْآنَ” މާނައީ: ” قُلْ هُوَ اللهُ أَحَدٌ (އިޚްލާޞް ސޫރަތް) ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރެވެ.” (ޞަޙީޙް މުސްލިމް: 811)

މި ޙަދީޘުން ބަޔާންވެގެންދާ ގޮތުގައި، ސޫރަތުލް އިޚްލާޞް ކިޔަވައިފި މީހާއަށް، ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމުގެ ޘަވާބު ލިބޭނެއެވެ. މިހެންވެ، މަދީނާގެ އަލްމަސްޖިދުއް ނަަބަވީގައި ކިޔަވައިދެއްވާ ބައެއް ޢިލްމުވެރިން، ވިދާޅުވާތީ އަޑުއެހީމެވެ. ތިބާގެ ދަރިންނަށް ޤުރުއާން އުނގަންނައިދޭއިރު، ވަކިން ޚާއްޞަކޮށް ސޫރަތުލް ފާތިޙާއާއި ސޫރަތުލް އިޚްލާޞް އެ ދަރިންނަށް އުނގަންނައިދެނީ ސީދާ ތިބާ ކަމުގައިވުމަށް މަސައްކަތް ކުރާށެވެ! އެހެނީ، އެކުދިން ބޮޑެތިވުމަށްފަހުގައިވެސް، ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާ ކޮންމެ ފަހަރަކު އެ ސޫރަތް އުނގަންނައި ދިން މީހާއަށްވެސް އޭގެ ޘަވާބު ލިބޭނެއެވެ. ހަމައެފަދައިން، ސޫރަތުލް އިޚްލާޞް ކިޔަވާ ކޮންމެ ފަހަރަކު ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވިކަމުގެ ޘަވާބު އެ ކިޔަވާ މީހާއަށް ލިބިގެންދާ ފަދައިން، އުނގަންނައިދިން މީހާއަށްވެސް ލިބޭނެއެވެ. އެހެންކަމުން، އެ ޘަވާބު ދަރިން މެދުވެރިވެ އެންމެ ބޮޑަށް ލިބުން ޙައްޤުވެގެންވަނީ އެކުދިންގެ މައިންބަފައިންނަށެވެ. އެހެންވީމާ، ތިބާގެ ދަރިންނަށް ތިބާ ނޫން އެހެން މީހަކު އެސޫރަތްތައް ދަސްކޮށްދީގެން، ތިބާގެ އަތުން މި ރަނުގެ ފުރުސަތު ގެއްލިދިޔަ ނުދޭށެވެ!

އެއާއެކު، އުފެދޭ ސުވާލަކީ، ސޫރަތުލް އިޚްލާޞް ކިޔެވުމުން ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމުގެ ޘަވާބު ލިބުމުގެ ފަހަތުގައިވާ ޙިކުމަތަކީ ނުވަތަ ސަބަބަކީ ކޮބައި ހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގައި އެކުލެވިގެންވާ ކަންތައްތައްވަނީ މައިގަނޑު 3 މައުޟޫއަކަށް ބެހިގެންނެވެ.

ފުރަތަމައީ: ﷲ تَعَالَى މަޢުރިފާކޮށް ދިނުމެވެ. އެގޮތުން އެކަލާނގެއަކީ އަޅުކަން ޙައްޤުވާ ހަމައެކަނި އިލާހު ކަމާއި، އެކަލާނގެ ރިވެތިވެގެންވާ ނަންފުޅުތަކާއި، ފުރިހަމަވެގެންވާ ސިފަފުޅުތައް ބަޔާންކޮށްދިނުމެވެ. އެއީ މީސްތަކުންނަށް އެމީހުން އަޅުކަން ކުރަންޖެހޭ އިލާހަކީ ކޮން ފަރާތެއްކަން އެނގިގެން ދިޔުމަށްޓަކައެވެ. އަދި އެކަލާނގެ މަތިވެރިކޮށް، މާތްކޮށް، ލޯތްބާއި، ބިރާއި، އުންމީދާއެކު އެކަލާނގެ އެއްކައުވަންތަކުރާ ޙާލު އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ.

ދެވަނައީ: އެކަލާނގެ ޙަޟްރަތަށް ހެޔޮ ގޮތުގައި ވާޞިލްވާނެ މަގު ބަޔާންކޮށްދިނުމެވެ. އެގޮތުން ކުރަން އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް ބަޔާންކޮށްދިނުމެވެ. އެއީ އެކަލާނގެ ރުހިވޮޑިގަންނަވާ އަދި ލޯބިވެވޮޑިގަންނަވާ މަގެވެ. އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމާއި، އަމުރު ކުރެއްވި ކަންތައްތަކަށް ކިޔަމަންގަތުމުގެ މަގެވެ. އެހެންކަމުން، ޤުރުއާނުގެ އެއްބައި ޚާއްޞަކުރެވިފައިވަނީ އެކަންކަން އަޅުތަކުންނަށް ބަޔާންކޮށްދިނުމަށެވެ.

ތިންވަނައީ: އެކަލާނގެއަށް ކިޔަމަންތެރިވާ މީހުންނަށް ހުރި ޘަވާބާއި، އެކަލާނގެއަށް އުރެދޭ މީހުންނަށް ހުރި ޢުޤޫބާތް ބަޔާންކޮށްދިނުމެވެ. މީސްތަކުންނަށް އެމީހުން އަޅުކަންކުރަންޖެހޭ ޙައްޤު އިލާހަކީ ކޮބައިކަން މަޢުރިފާވުމަށްފަހު، އަދި އެކަލާނގެ ޙަޟްރަތަށް ހެޔޮގޮތުގައި ކުއްތަންވެ ވާޞިލްވެވޭނީ ކިހިނެއްކަން އެނގުމަށްފަހު، ދެން އެމީހުންނަށް އެނގުން އެންމެ މުހިންމުވާ ކަމަކީ، އެކަންކަމަށް ޢަމަލު ކުރުމާއި ނުކުރުމުގެ ނަތީޖާއަކީ ކޮބައިކަމެވެ. އެހެންކަމުން، ކީރިތި ޤުރުއާނުގެ މިބައިގައި އަލިއަޅުވާލެވިފައިވަނީ ހެޔޮލަފާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހުރި ދަރުމައާއި ޘަވާބުގެ މައްޗަށެވެ. އަދި ދޮގުކޮށް އުރެދުނު މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހުރި ޢުޤޫބާތްތަކާއި ޢަޛާބުގެ މައްޗަށެވެ. އެގޮތުން މި ބައިގައި ހަލާކު ކުރެއްވުނު، ކުރީގެ އުއްމަތްތަކުގެ ޚަބަރުތައް ކިޔަައިދެވިފައި ވެއެވެ. އަދި މުއުމިނުންނަށް ނަޞްރުދެއްވައި، މުޖުރިމުންގެ ކިބައިން އިންތިޤާމް ހިއްޕެވިގޮތް ކިޔައިދެވިފައި ވެއެވެ. އަދި ސުވަރުގެއާއި އެތަނުގައިވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާންކޮށްދެވިފައި ވެއެވެ. އަދި ނަރަކައާއި އެތަނުގެ ޢަޛާބުގެ ވާހަކަވެސް ބަޔާންކޮށްދެވިފައި ވެއެވެ.

މި ތިން ބައި ބަޔާންކޮށްދެއްވުމަށްޓަކައި ޢިލްމުވެރިން ބޭނުންކުރައްވާފައިވާ ޢިބާރާތްތައް ތަފާތު ކަމުގައިވިޔަސް، ތަޙްޤީޤުކޮށް ރަނގަޅަށް ބެލުމުން ދޭހަވަނީ، އެ ހުރިހާ ބޭކަލުންގެ މުރާދަކީ އެއް މުރާދެއްކަމެވެ. އެއީ މި ތިން ބައިކަމެވެ.

ކީރިތި ޤުރުއާނުގައި އެކުލެވިގެންވާ މައުޟޫޢުތައް ބަހައިލެވިގެންދަނީ މައިގަނޑު ގޮތެއްގައި މި ތިން ބަޔަށް ކަމަށްވެފައި، ސޫރަތުލް އިޚްލާޞް ޚާއްޞަ ކުރެވިފައި މިވަނީ އޭގެ ތެރެއިން ފުރަތަމަ ބަޔަށެވެ. އެއީ ﷲ تَعَالَى ގެ އެއްކައުވަންތަކަން ބަޔާންކޮށްދިނުމާއި، އެކަލާނގެ މަޢުރިފާކޮށްދިނުމެވެ. އެހެންކަމުން، މައިގަނޑު ތިން ބައިގެން ތެރެއިން އެއްބަޔަށް މިސޫރަތް ޚާއްޞަކޮށް ޚާލިޞް ކުރައްވާފައިވުމުން، މިސޫރަތް ކިޔަވާ މީހާއަށް ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމުގެ ޘަވާބު ލިބެނީ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. وَاللهُ أَعْلَمُ

 

ގުޅުންހުރި