ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކި ކުރުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕީޖީ އޮފީހުން މިރޭ ވިދާޅުވެފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޙުސައިން ޝަމީމް ވަނީ ޕީޖީ ގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމުން މިހާރު އެމަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ޕީޖީ އިން ބުނެފައިވެ އެވެ.
ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ޕީޖީ ޝަމީމް ގާނޫނުއަސާސީއާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާތީ ޝަމީމަކީ ޕީޖީގެ މަގާމުގައި ހުރުމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ގާނޫނުއަސާސީއާ ހިލާފަށް ޝަމީމް ވަނީ:
- ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރު މަތިން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުހުމަތު ލިބިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގެ ހެކިން ހާޒިރު ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އެ މައްސަލައިގައި ހެކިންގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ އެ މައްސަލަ ފައިލްކޮށްލާފައިވަނީ ޕީޖީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންކަން.
- މަގާމުގެ ދިފާއުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމުވެފައިވާ އުސޫލުތަކާއި ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ކުރިމިނަލް ކޯޓުން އަނބުރާ ގެންނެވުމަށް ޕީޖީ ޝަމީމް ނިންމަވާފައި އެމްޑީޕީ ޕީޖީ ގުރޫޕުން އެމަނިކުފާނު މަގާމުން ވަކިކުރުމަށް ނިންމެވުމާއެކު ކަމަށާއި އެމައްސަލަ އަނބުރާ ގެންނެވުމުން އެމަނިކުފާނު މަގާމުން ވަކިކުރާ މައްސަލަ އެ ޕާޓީން ހުއްޓާލާފައިވާތީ، އެ މައްސަލަ އަނބުރާ ގެންނެވުމަށް ނިންމީ މަގާމުގައި ދެމިހުރުމުގެ ބޭނުމުގައި ކަން.
- ސަފާރީއެއްގައި ބިދޭސީއެއް ރޭޕްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރުމަށް ޝަމީމް ނިންމާފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްފަރާތަކީ އެމްޑީޕީގެ އިސް ފަރާތަކާއި ގުޅިން އޮތް ފަރާތަކަށް އުފުލުނު ދައުވާއަކަށްވުން.
- ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ ކުންފުނިން 2015 އިން ފެށިގެން އެ ކުންފުނީގެ ސްޕޮންސާޝިޕްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީ ބިރު ދައްކައި ޤާނޫނާ ޚިލާފަށް ބިދޭސީން އެކްސްޕްލޮއިޓްކޮށް އެމީހުން ޓްރެފިކްކޮށްފައިވާ ކަމަށް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންނަވާފައިވާ ކަމަށާއި ހަމައެގޮތަށް މީހުން ޓްރެފިކް ކުރުމާއި ކުޑަކުދިންގެ މައްސަލައެއް ޝަމީމް އަނބުރާ ގެންނެވުން.
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭ ހިމެނޭ ބަނގުރާ ބުއިމުގެ ގިނަ ކުށްތަކެއް ޕީޖީ ޝަމީމް އަނބުރާ ގެންނަވާފައިވާ ކަމަށާއި ބަނގުރާ ގެންގުޅުމަކީ ކުޅޭކުޅޭ ދައުވާއަކަށް ހަދައި ބަނގުރާ ގެންގުޅުމާއި ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެންދަވާފައިވާ ކަން އަދި ޕީޖީ ޝަމީމްގެ އިންސްޓާގްރާމުގައި އެމަނިކުފާނު ބަނގުރާފުޅިއަކާއެކު ނަންގަވާފައިވާ ފޮޓޯއެއް ޝާއިއު ކުރެއްވުން.
- ޕީޖީ އޮފީހުގެ މުވައްޒަފަކާއި ގުޅޭ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި އެއް ޖިންސުގެ ގުޅުން ހިންގުމުގެ ތުހުމަތުތަކެއް ކުރެވުމުން އެންމެ ފުރަތަމަ އެ މައްސަލަ ބެއްލެވުމަށް ޕީޖީ ދެކޮޅު ހައްދަވާފައިވާ ކަމަށާއި އެމަނިކުފާނާއި ގާތް ގުޅުން އޮތް ފަރާތްތަކުގެ އެހެން މައްސަލައެއް ދައުވާ ނުކޮށް ފައިލް ކުރުމަށް ނިންމުން.
- ކޮވިޑްގެ ހާލަތާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމަށް ދައުލަތުން ބޮޑު ހޭދައެއްކޮށް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގެ ތަހުޤީގު ފުރިހަމަކޮށް ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެ މައްސަލައިގައި ދައުވާ ނުކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވަނީ ރިޔާއަތް ކުރައްވަން ޖެހޭ ކަންކަމަށް ރިޔާއަތް ނުކުރައްވާ ކަމަށް
- ޕީޖީ އޮފީހުގެ މުވައްޒަފުންތަކެއްގެ މެދުގައި ތަފާތު ކުރުން ގެންގުޅެ ރާއްޖެއިން ބޭރުގެ ދަތުރުތައް ވެސް ވަކި ބޭފުޅަކަށް ލިބޭގޮތް ހައްދަވައި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ވެސް ތަފާތުކުރުންތަކެއް ޝަމީމް ގެންގުޅެއްވުން.
މިއާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ބާ ތުހުމަތުތަކެއް ކަމަށާއި އޭގައި އާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެތުހުމަތުތަކަށް މީގެ ކުރިން ޖަވާބު ދީފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.