ފަލަސްޠީނުގެ މައްސަލާގައި ޒުވާނަކު ކުރި ސުވާލަކާއި އޭގެ ޖަވާބު

الحمد لله ربّ العالمين، والصّلاة والسّلام على أشرف الأنبياء وسيّد المرسلين، نبيّنا محمّد وعلى آله وصحبه أجمعين، أمّا بعد:

ތިރީގައި މިވަނީ ޒުވާނެއްގެ ހިތުގައި އުފެދުނު ސުވާލަކާއި، އެ ސުވާލަށް ޖަވާބެއް ދޭން ކުރެވުނު މަސައްކަތެކެވެ.

ސުވާލު: ޣައްޒާ އަދި ފަލަޞްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އަހަރެންގެ ހިތަށް އަރައެވެ. އަނިޔާލިބޭ މީހާއަކީ ކާފިރެއް ކަމަށްވިޔަސް، ﷲ އޭނާގެ ދުޢާ އިޖާބަކުރައްވާ ކަމުގައި ބައެއް ނައްޞުތަކުގައި ވާރިދުވެފައި ވެއެވެ. އެހެންވިއްޔާ، އީމާންވެގެންތިބި މުސްލިމުންނާއި، އެމީހުންގެ ތުއްތު ކުދިންގެ ދުޢާތައް ﷲ އިޖާބަ ކުރެއްވުން މާ އައުލާވެގެން ނުވޭ ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަސްވާސް ވަދެއެވެ.

ޖަވާބު:

ފުރަތަމައީ: ﷲ سبحانه وتعالى ދުޢާ އިޖާބަކުރައްވާކަން އެކަލާނގެ އަހަރެމެންނަށް ބަޔާންކޮށްދެއްވި ފަދައިން، އެކަލާނގެ އަޅުތަކުން އިމްތިޙާން ކުރައްވާކަމާއި، އެ އިމްތިޙާންތަކާއި ނުލައި ސުވަރުގެއަށް ވަދެވެން ނެތްކަންވެސް އެކަލާނގެ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم  مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ) – البقرة: ٢١٤   “ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލުތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީ ހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފަނުގެ އަރިހުގައި ތިބި އީމާންވީ މީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲ ގެ ނަޞްރު އަންނާނީ، ދެން ކޮން އިރަކުން ބާވައެވެ؟”

އެހެންވީމާ، ހަމައެކަނި ދުޢާ އިޖާބަކުރެއްވުމާއި މެދު ވާރިދުވެފައިވާ ނައްޞުތަކުގައި ހިފައި، އިމްތިޙާން ކުރެވޭނެ ކަމާއި މެދު ހުރި ނައްޞުތައް ދޫކޮށްލައިގެން ނުވާނެއެވެ.

ދެވަނައީ: ފަލަސްޠީނުގެ ޣައްޒާގައި އެހިނގާ ކަންކަމާއި އެއްގޮތް ވާހަކަތަކެއް، ކީރިތި ޤުރުއާނުގައި ﷲ سبحانه وتعالى ވަނީ އަހަރެމެންނަށް ކިޔައިދެއްވާފައެވެ. އެގޮތުން ފިރްޢައުނު ކަންތައް ކުރިގޮތް ބަޔާންކުރައްވައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًۭا يَسْتَضْعِفُ طَآئِفَةًۭ مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ  إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ ) القصص: ٤   “ހަމަކަށަވަރުން ފިރްޢައުނު ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެ ތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން ޤަތުލުކޮށް، އަންހެން ދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، ފަސާދަކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.”

މިއަދު އަހަރެމެން ފަލަސްޠީނުގެ ޙާލަތަށް ބަލައިފިނަމަވެސް ފެންނަނީ މިއާ ވަރަށް ގާތް މަންޒަރެކެވެ. މީސްތަކުން ބައިތަކަކަށް ބަހައިލެވި، އެއްބަޔަކު ނިކަމެތިކުރެވެމުން ދަނީއެވެ. އަދި ކުޑަކުދިން މަރައިލެވެމުން ދަނީއެވެ.

ކޮންމެއަކަސް، އާޔަތުގައި ބަޔާންވެދިޔަ ބޮޑު އިމްތިޙާން ކުރިމަތިވުމަށްފަހު، އޭގެ ޒަމާންތަކެއް ފަހުން އެ އަނިޔާލިބުނު މީހުންނަށް އެކަލާނގެ ނަޞްރުދެއްވިކަން އެކަލާނގެ ބަޔާންކޮށްދެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَـٰرِقَ ٱلْأَرْضِ وَمَغَـٰرِبَهَا ٱلَّتِى بَـٰرَكْنَا فِيهَا  وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰءِيلَ بِمَا صَبَرُوا۟  وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ)  الأعراف: ١٣٧  “ނިކަމެތިކޮށް ހިތެމުން ދިޔަ މީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންއިލާހު ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންއިލާހު އެތަންތާނގައި ބަރަކާތް ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރި ރައްބު އިސްރާއީލްގެ ދަރިންނަށް (އެބަހީ: ޔަޢުޤޫބު عليه السلام ގެ ދަރިންނަށް) ދެއްވާފައިވާ (ވަޢުދުގެ) ހެޔޮ ބަސްފުޅު، އެއުރެންގެ ކެތްތެރިކަމުގެ ސަބަބުން ފުރިހަމަވެގެން ދިޔައެވެ. އަދި ތިމަންއިލާހު، ފިރްޢައުނާއި، އޭނާގެ ޤައުމުގެ މީހުން ހަދަމުން ގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންދިޔަ ޢިމާރާތްތައް ހަލާކުކުރައްވައި ނެތި ކުރެއްވީމެވެ.”

މި އާޔަތުގައި ނަޞްރު ދެއްވި ސަބަބުތަކުގެ ތެރެއިން ބޮޑު ސަބަބެއްވެސް ބަޔާންކުރައްވާފައި ވެއެވެ. އެއީ ކެތްތެރިވުމެވެ. ކެތްތެރިވާށެވެ! އަދި ދަންނާށެވެ! ވާހަކަ ފުރިހަމަ ވަނީ ވާހަކައިގެ ނިމުމާ ހިސާބުންނެވެ. ވާހަކަ ފެށިގެން އަންނައިރަކު، ނުވަތަ ވާހަކައިގެ މެދަކުން ނޫނެވެ.

އަދި އަހަރެމެންގެ ވާހަކައިގެ ނިމުން އަންނާނެ ގޮތް ވާނީ އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم އަހަރެމެންނަށް ކިޔައިދެއްވާފައެވެ. ފަހެ، ޞައްޙަ ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ.

(( لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ ، فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ، فَيَقُولُ الْحَجَرُ أَوِ الشَّجَرُ: يَا مُسْلِمُ يَا عَبْدَ اللهِ هَذَا يَهُودِيٌّ خَلْفِي ، فَتَعَالَ فَاقْتُلْهُ ، إِلَّا الْغَرْقَدَ، فَإِنَّهُ مِنْ شَجَرِ الْيَهُودِ )) މާނައީ: “މުސްލިމުން ޔަހޫދީންނާ ހަނގުރާމަކޮށް އެމީހުން ޤަތުލުކޮށްފުމަށް ދާންދެން ޤިޔާމަތް ނުވާ ހުއްޓެވެ. އެގޮތުގައި ގޮސް ޔަހޫދީއަކު ގަހެއްގެ ފަހަތުގައި، ނުވަތަ ހިލައެއްގެ ފަހަތުގައި ފިލުމުން، އެ ގަހެއް ނުވަތަ ހިލައެއް، އޭ މުސްލިމޭ، އޭ ﷲ ގެ އަޅާއޭ، އަހަރެންގެ ފުރަގަހުގައި މިއޮތީ ޔަހޫދީއެކޭ، އަންނާށޭ އަދި އޭނާ މަރާށޭ ގޮވައިފުމަށް ދާންދެނެވެ. އަލްޣަރްޤަދު ގަސް ފިޔަވައެވެ. އެ ގަހަކީ ޔަހޫދީންގެ ގަހެކެވެ.“ ޞަޙީޙް މުސްލިމް – 2922

މީގެ އިތުރުން އައްޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ. “ފިލަޞްޠީނުގައި ޔަހޫދީންނަކަށް ޤަރާރުވެ ނުތިބެވޭނެއެވެ. މިއީ އަހަރެން ހަމައެކަނި ހެޔޮ ފާލަކަށް ބުނާ ބަހެއް ނޫނެވެ. އަހަރެން މިހެން މި ބުނާކަން ކަށަވަރީ، ވަރަށް ގިނަ ގުނަ ޙަދީޘްތަކަކުން ލިބޭ ފަހުމެއްގެ މައްޗަށް ބިނާކޮށެވެ. ބައެއް ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައި ވެއެވެ. އީރާން ނުވަތަ ޚުރާސާންއާ ވީ ދިމާލުން ދައްޖާލު ނުކުންނާނެއެވެ. އޭނާއާއެކު ހަތްދިހަހާސް ޔަހޫދީން ޠަޔާލީސް ހެދުމުގައި ވާނެއެވެ. ފަހެ، އެމީހުން ފިލަސްޠީނަށް އަންނާނެއެވެ. އެއިރު ޢީސާ عليه السلام ހުންނަވާހުށީ ބައުތުލް މަޤްދިސްގައެވެ. ދެންފަހެ، ދައްޖާލު އޭނާއާ އެކުގައިވާ ޔަހޫދީންނާއެކު އެތަން ޙިޞާރަކުރާނެއެވެ. ފަހެ، ޢީސާ عليه السلام ދައްޖާލުއާ ހަނގުރާމަކުރެއްވުމަށްޓަކައި ނުކުމެވަޑައިގަންނަވާނެއެވެ. އަދި އެކަލޭގެފާނުގެ ލޮންސި އޭނާއާ ދިމާލަށް އުއްކަވައިލައްވާނެއެވެ. ދެން އޭނާ މަރުވެ، ފެނުގެ ތެރެއަށް ލޮނު ވިރިގެން ދާފަދައިން ވިރައިގެންދާނެއެވެ.  އެހެންކަމުން، ދައްޖާލު ފަލަޞްޠީނަށްގޮސް ބައިތުލް މަޤްދިސްގައި ޢީސާ عليه السلام ޙިޞާރުކުރުމުން ދޭހަވަނީ، އެ ދުވަހު ބައިތުލް މަޤްދިސްގައި ޔަހޫދީން ނުތިބޭނެކަމެވެ. އެހެންވީނާ، ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައި ނުލާށެވެ! ހަމަކަށަވަރުން، ކާފިރުވީ މީހުން މެނުވީ، ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ.” (ސިލްސިލަތުލް ހުދާ ވަންނޫރު: 633)

ތިންވަނައީ: ﷲ سبحانه وتعالى ގެ އިލާހީ ސުންނަތުގެ ތެރޭގައި އަނިޔާވެރިންނަށް މުހުލަތު ދެއްވުން ހިމެނެއެވެ. އެގޮތުން ވަކި މުއްދަތަކަށް އެމީހުން ދޫކުރައްވައެވެ. އެއަށްފަހު އެކަލާނގެ އެމީހުން ހިއްޕަވައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌۭ لِّأَنفُسِهِمْ  إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًۭا  وَلَهُمْ عَذَابٌۭ مُّهِينٌۭ) -آل عمران: ١٧٨ “ތިމަންއިލާހު އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ހެޔޮ ގޮތެއް ކަމަށް ކާފިރުވީ މީހުން ހީނުކުރާހުށިކަމެވެ! ތިމަންއިލާހު އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރު ވުމަށްޓަކައެވެ. އަދި އެއުރެންނަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުށްޓެވެ!”

ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. (( إنَّ اللَّهَ لَيُمْلِي لِلظّالِمِ، حتَّى إذا أخَذَهُ لَمْ يُفْلِتْهُ.))  މާނައީ: “ހަމަކަށަވަރުން، އަނިޔާވެރިއާށް (ޖަޒާ ދެއްވުން) ﷲ ލަސްކުރައްވަތެވެ. ދެން އެކަލާނގެ އޭނާ ހިއްޕައިވައިފިނަމަ، ދެން ދުލެއް ނުކުރައްވަތެވެ.” ޞަޙީޙުލް ބުޚާރީ: 4686

އަދި މިފަދައިން އަނިޔާވެރިންނަށް ޢުޤޫބާތް ދެއްވުން އެކަލާނގެ ލަސްކުރައްވަނީ އަނިޔާ ލިބުނު މީހުންގެ ދުޢާ އިޖާބަ ނުކުރައްވާތީއެއް ނޫނެވެ. އެކަލާނގެ އެ ދުޢާ އިޖާބަކުރައްވައެވެ. ދެން އެކަލާނގެ އިލާހީ ސުންނަތުގެ މަތިން އަނިޔާވެރިންނަށް މުހުލަތު ދެއްވައެވެ. އެއަށްފަހު، ހަރުކަށި، ވޭންދެނިވި ހިއްޕެވުމަކުން އަނިޔާވެރިންގެ ކިބައިން އެކަލާނގެ އިންތިޤާމް ހިއްޕަވައެވެ.

އެހެންވީމާ އަނިޔާއާ ގުޅޭ މައުޟޫޢުގައި ބަލަންޖެހޭ ދެ ފަރާތެއް ވެއެވެ. އެއީ އަނިޔާ ލިބޭ މީހާގެ ފަރާތާއި، އަނިޔާވެރިޔާގެ ފަރާތެވެ. އެހެންވީމާ، ހަމައެކަނި އަނިޔާ ލިބޭ މީހާއާ މެދު ވާރިދުވެފައިވާ ނައްޞުތަކަށް ބަލައި، އަނިޔާވެރިޔާއާ މެދު ﷲ ކަންކުރައްވާ އިލާހީ ސުންނަތް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ކަންކަމުގެ ނަތީޖާ ބަލަން އަވަސްވެގެން ނުވާނެއެވެ. ކެތްތެރި ވާން ޖެހޭނެއެވެ.

ހަތަރުވަނައީ: ﷲ سبحانه وتعالى މުއުމިނުންނާއެކު ވޮޑިގެންވެޔޭ ބުނުމުން އެއީ ހަމައެކަނި އެކަލާނގެ އެމީހުންނަށް ނަޞްރު ދެއްވުން އެކަނި ކަމުގައި ޤަބޫލުކޮށްގެން ނުވާނެއެވެ. އޭގެ މާނަ އެއަށްވުރެ ތަނަވަސްވެ ޢާންމުވެގެން ވެއެވެ. އެކަލާނގެ سبحانه وتعالى މުއުމިނުންނާއެކު ވޮޑިގެންވުމޭ ބުނުމުން އޭގެ ތެރޭގައި އެ އަޅުތަކުންނަށް ސާބިތުކަން ދެއްވުމާއި، ހިތްތަކަށް ހަމަޖެހުން ދެއްވުންވެސް ހިމެނެއެވެ. މި މާނަ ދޭހަވާ އާޔަތްތަކުގެ ތެރޭގައި އަންނަނިވި އާޔަތް ހިމެނެއެވެ. (إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ) – الأنفال: ١٢ “ކަލޭގެފާނުގެ ވެރި ރައްބު މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންއިލާހު ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، އީމާންވީ މީހުންނަށް ސާބިތުކަން ދެއްވާށެވެ!”

މިއަދު ޣައްޒާއާއި އެނޫން ތަންތަނުގައި ބޮޑެތި މުޞީބާތްތަކާއި ލޭ އޮހޮރުވާލުންތަކާއި ޤަތުލުޢާންމުތަކަށް ކެތްކުރަމުންދާ މުއުމިނުންގެ ކިބައިން ފެންނަ ކެތްތެރިކަމާއި ސާބިތުކަމަކީ އިންސާނީ ޖިސްމުތަކާއި ހިތްތަކަށް ތަޙައްމަލް ކުރަން އުނދަގޫ ކެތްތެރިކަމަކާއި ސާބިތުކަމެކެވެ. މިއަށްވުރެ މާ ކުދި ކަންކަމުގައި ކާފިރުވީ މީހުންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ދިރިއުޅުމުގެ އުންމީދު ކެނޑި، ބުއްދި ފިލައިގެން ގޮސް، ނުވަތަ އަމިއްލައަށް މަރުވާ ހިސާބަށް ދެއެވެ. އެހެންކަމުން، އެ ކެތްތެރިކަމާއި ސާބިތުކަމަކީ ﷲ سبحانه وتعالى ގެ ޙަޟްރަތުން ނޫން ދެން އެހެން ކޮންތާކުން ލިބުނު އެއްޗެއް ހެއްޔެވެ؟

ފަސްވަނައީ: ހަމަކަށަވަރުން، ދުނިޔެއަކީ އިމްތިޙާންގެ ގޮވައްޗެކެވެ. ޢަމަލުތަކުގެ ޖަޒާ ދެއްވާ ތަނަކީ އާޚިރަތެވެ. ﷲ سبحانه وتعالى އެކަލާނގެ ފޮތުގައި ދުނިޔެ ސިފަކުރައްވާފައިވަނީ ހެއްލެނިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައެވެ. އަދި އެ ދުނިޔެ ފަނާވެގެންދާނެ ކަމެވެ. އަދި އެކަލާނގެ ބަޔާންކުރައްވާފައި ވަނީ ޤިޔާމަތްދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތް އެކަލާނގެ ޤާއިމް ކުރައްވާނެ ކަމެވެ. އަދި އެއްވެސް ނަފްސަކަށް އެދުވަހުން އަނިޔާވެރިއެއް ނުވެވޭނެކަމެވެ. ފަހެ، އެދުވަހުން، ގާޒީންނާއި، ވަކީލުންނާއި، ޚަޞްމުން މަޙްޝަރު ކުރައްވައި މައްސަލަތައް ބައްލަވާނެއެވެ. ޙުކުމްކުރާ މީހުންނާ، ޙުކުމްކުރެވުނު މީހުންނާއި، ހެކިން އެކަލާނގެ ޙަޟްރަތުގައި ކޮޅަށް ތިބެންޖެހޭނެއެވެ. އަނިޔާވެރިންނާއި އަނިޔާ ލިބުނު މީހުން އެކަލާނގެ ޙަޟްރަތަށް ޖަމާވާނެއެވެ. އެދުވަހުން ހުރިހާ ޙައްޤުތަކެއް އޭގެ އަހުލުވެރިންނަށް ރައްދުކުރެވޭނެއެވެ. އެހެންކަމުން، އަނިޔާވެރިންނަށް ޢުޤޫބާތް ދުނިޔެއިން ނުލިބިގެން ހިތާމަކުރުމަކީ އިސްވެ ބުނެވުނު ބޮޑު ޙަޤީޤަތް ރަނގަޅަށް ފަހުމް ނުވާ ކަމުގެ ދަލީލެކެވެ.

ހަވަނައީ: އިސްވެ ބަޔާންކުރެވުނު ނުކުތާގައި އެވާ ކަންކަމާއެކުވެސް، ދަންނަންޖެހޭ ކަމަކީ، ދުނިޔޭގައިވެސް ހެޔޮ ނިމުން ލިބޭކަން ކަށަވަރީ ތަޤުވާވެރިންނަށެވެ. އެއީ އެމީހުން އެކަލާނގެ ދީނާއިގެން ޙައްޤު ގޮތުގައި ޤާއިމްވެ، އެ ދީނަށް ނަޞްރު ދީފިނަމައެވެ. އެއީ އެކި ޒަމާންތަކުގައި، އެކި ތަންތަނުގައި އެކަލާނގެ ލަޝްކަރުތަކަށް އެކަލާނގެ ނަޞްރު ދެއްވި ފަދައިންނެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.(وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ) الأنبياء: ١٠٥ “ހަމަކަށަވަރުން، ޛިކުރަށް ފަހުގައި، ޒަބޫރުގައިވެސް ތިމަންއިލާހު ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންއިލާހުގެ ޞާލިޙް އަޅުންނަށެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ . إِنَّهُمْ لَهُمُ ٱلْمَنصُورُونَ . وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ) – (الصافات: ١٧١ – ١٧٣  “ހަމަކަށަވަރުން، ތިމަންއިލާހުގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަންއިލާހު (ނަޞްރު ދެއްވާނެ ކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ ނަޞްރު ލިބިގެންވާ ބޭކަލުންނެވެ. އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންއިލާހުގެ ލަޝްކަރުކަން ކަށަވަރެވެ.”

ނޫޙު عليه السلام އާއި، ޞާލިޙް عليه السلام އާއި ހޫދު عليه السلام އާއި އިބްރާހީމް عليه السلام އާއި، ލޫޠު عليه السلام އާއި، މޫސާ عليه السلام އާއި، ޢީސާ عليه السلام އާއި، މުޙައްމަދު صلى الله عليه وسلم އާ މެދު ކަންކުރެއްވި ފަދައިންނެވެ. އެ ނަޞްރަކީ ހަމައެކަނި އެބޭބޭކަލުންނަށް ޚާއްޞަ ނަޞްރެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ދެމިގެންދާނެ ވަޢުދުފުޅެކެވެ. ސާބިތިވެގެންވާ އިލާހީ ސުންނަތެކެވެ. ނަމަވެސް، އިމްތިޙާން ކުރެވުމަށް ފަހުގައެވެ. (حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ) يوسف: ١١٠ “(މެދުވެރިވާ ދުއްތުރާގެ ސަބަބުން) ރަސޫލުންގެ އުއްމީދު ކެނޑި، އެބޭކަލުން ދޮގުކުރެވުނީކަމަށް އެބޭކަލުންނަށް ހީވާ ހިނދު، ތިމަންއިލާހުގެ ނަޞްރު އޭބެކަލުންނަށް އަތުވެދެއެވެ. ފަހެ، ތިމަންއިލާހު އިރާދަކުރައްވާ ބަޔަކު ސަލަމާތްކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން ތިމަންއިލާހުގެ ޢަޛާބު އަނބުރާ ރައްދު ނުކުރެވޭހުށްޓެވެ.”

އެއާއެކު އިތުރު ނަޞޭޙަތެއްގެ ގޮތުގައި ބުނަމެވެ. ﷲ سبحانه وتعالى އެކަލާނގެ މަޚްލޫޤުންނާ މެދު ކަންކުރައްވާ އިލާހީ ސުންނަތްތައް ރަނގަޅަށް ފަހުމްކޮށްގަތުން މުހިންމެވެ. އެގޮތުން ކީރިތި ޤުރުއާނަށް ތަދައްބަރުކޮށް ވިސްނައި ފިކުރު ކުރުމާއި، މި މައުޟޫޢުގައި ލިޔެވިފައިވާ ފޮތްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރުޖޫޢަވުން މުހިންމެވެ. މިފަދަ މައުޟޫޢުތައް ފަހުމްކުރުމުގައި، އަދި ނަފްސާނީ ގޮތުން ހަމަޖެހުން ހޯދުމުގައި ވަރަށް ބޮޑު އެހީއެއް ކަމުގައި ވެގެންދާނެއެވެ.

وبالله التّوفيق، وصلّى الله وسلّم على نبيّنا محمّد، وعلى آله وصحبه أجمعين، والحمد لله ربّ العالمين

ގުޅުންހުރި