2014 ގައި އެމެރިކާގެ ސަރުކާރުން ނެރެފައިވާ ރިޕޯޓަކުން ސިގިރޭޓު ބުއިމުގެ ސަބަބުން ކުރާ އަސަރުތަކާއި މެދު ބުނެފައިވަނީ “ފާއިތުވި 50 އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. އެހެންނަމަވެސް، ދުންފަތުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ދަނީ މަތިވަމުން ކަމުގައެވެ.”
މި ރިޕޯޓުގައިވާގޮތުން ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އެމީހުންގެ ޕްރޮޑަކްޓްސްތަކަށް ދެވި ހިފުމަށްޓަކާ ގިނަ އަދަދެއްގެ އެޑިޓިވެސް އެތަކެތީގައި އިތުރުކުރާކަމަށްވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުވި ނަމަވެސް، މި އެޑިޓިވްސް ގެ ސަބަބުން ހަމައެކަނި އެމެރިކާގައިވެސް 1300 ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދުވާލަކު މަރުވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.
ޔުނިވާސިޓި އޮފް ކެންސަސް ގެ ސައިންޓިސްޓުން ސެޕްޓެމްބަރ 2023 ގައި ނެރުނު ދިރާސާއަކުން ދައްކާގޮތުގައި، ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން، ސިނގިރޭޓްގެ މާކެޓް ދައްވުމާއި ގުޅިގެންވަނީ ކާބޯތަކެތީގެ އިންޑަސްޓްރީ އަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފަށާފައެވެ. އެގޮތުން، ފެޓީ، ލޮނުގެ މާއްދާ ގިނަ، ޕްރޮސެސް ކުރެވިފައިވާ ކާބޯތަކެތި ވިއްކަން މަސައްކަތް ކުރެއެވެ. އަދި އެމީހުންގެ މާކެޓް ހިފެހެއްޓުމަށްޓަކައި ސިގިރޭޓް ވިއްކުމުގައިވެސް ބޭނުން ކުރި އެޑިޓިވްސް (ދެވި ހިފާ މާއްދާތައް) އަދި ފްލޭވާރސް (ތައްޔާރީ ރަހަތަށް) ވެސް މި ކާތަކެތި ވިއްކުމުގައިވެސް ބޭނުން ކުރާކަމުގައި އެމެރިކާގެ ނޫސްމަޖައްލާއެއް ކަމުގައިވާ ދަ ވޮޝިންގްޓަން ޕޯސްޓުގައި ލިޔެފައިވެއެވެ.
އެމެރިކާގެ ދުންފަތުގެ މާއްދާތައް އުފައްދާ ކުންފުނިތަކުންވަނީ 1960 ގެ އަހަރުތަކުގައި ކާބޯތަކެތީގެ އިންޑަސްޓްރީއަށް ވަދެ ގިނަ އަދަދެއްގެ ތައްޔާރީ ކާނާއާއި، ބުއިންތަށް ވިއްކައިގެން ގިނަ ފައިދާތަކެއް ހޯދާފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ގިނަ އަދަދެއްގެ ބުއިންތަށްވެސް ވަނީ އުފައްދާފައެވެ.
1980 ގެ އަހަރު ތަކުގައި، އެމެރިކާގެ ދުންފަތުގެ އުފެއްދުންތައް އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ ފިލިޕް މޮރިސް (Philip Morris) އަދި އާރް ޖޭ ރެނޯލްޑްސްއިން (R. J. Reynolds) ވަނީ ކްރާފްޓް، ޖެނެރަލް ފުޑްސް، ނަބިސްކޯ ފަދަ ބޮޑެތި ކާބޯތަކެތި އުފައްދާ ކުންފުނިތައް ގަނެފައެވެ. އޭގެ ސަބަބުން ބިލިއަނުން ފައިދާވި ޕްރޮޑަކްޓްސްތައް އެމީހުންނަށް އުފެއްދުމަށް މަގުފަހިވިއެވެ. އޭގެ ތެރޭގައި އޯރިއޯ ބިސްކޯދު، ކްރާފްޓް ޗީޒް އަދި ލަންޗެބަލްސް ހިމެނެއެވެ.
21 ވަނަ ގަރުނުގެ ތެރޭގައި އެމެރިކާގައި ހެދިފައިވާ ޤާނޫނުތަކުން ބުނާގޮތުގައި ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އެމީހުން ތައްޔާރު ކުރާ ކާބޯތަތި ވަކި ފެކްޓްރީ ތަކުގައި ތައްޔާރު ކުރުމަށް އަންގާފައިވާކަމެވެ. އަދި އެ ޤަވައިދުތައް ނެރެފައިވަނީ ދުންފަތުގެ މާއްދާތަކުގެ އަސަރު މި ކާބޯތަކެތީގައި ހުންނަ ކަމުގެ ހެކި ތަކެއް ފެނުމާއިއެކު ކަމަށް ދަ ވޮޝިންގްޓަން ޕޯސްގެ ޚަބަރުގައި ވެއެވެ.
ޔުނިވާސިޓި އޮފް ކެންސަސްއިން ކޮށްފައިވާ މި ދިރާސާގައި އަލިއަޅުވާލައިފައިވަނީ ގިނަ އަދަދެއްގެ ފެޓްސް، ސޯޑިއަމް، ހަކުރު އަދި އެޑިޓިވްސް ހިމެނޭ؛ އެތަކެތި ކެއުމުން އިތުރަށް ދެވި ހިފާ މާއްދާތައް ހުންނަ ކާބޯތަކެއްޗަށެވެ.
އެގޮތުން ޔުނިވާސިޓީ އޮފް ކެލިފޯނިއާ ލައިބްރަރީއިން ދުންފަތުގެ އިންޑަސްޓްރީތަކާއި ބޭހޭ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ދިރާސާ ކުރުމުން އެގިގަން ދިޔައީ ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އޭމީހުން އުފައްދާ ކާބޯތަކެތީގެ ނިއުޓްރިޝަނަލް ކޮމްޕޮޒިޝަން (އޭގެއިން ލިބޭ ފައިދާ) ގެ މިންވަރު ކޮންޓްރޯލް ކުރާކަމެވެ. އެގޮތުން މިފަދަ ބޮޑު ދެ ކުންފުނި ކަމުގައިވާ އާރް ޖޭ ރެނޯލްޑްސްގެ ދަށުން ހިންގާ ނަބިސްކޯގެ މައްޝޫރު ދެ އުފެއްދުން ކަމަށްވާ ރިޓްޒް ބިސްކޯދު އަދި ކްރެކާސް ހިމެނެވެ.
ރިސާޗަރުން ވަނީ މިފަދަ ކުންފުނިތަކުން އުފައްދާ ޕްރޮޑަކްޓްތަކާއި އެއްފަދަ 587 ޕްރޮޑަކްޓް އަޅާ ބަލާފައެވެ. މި ތަކެތި އުފައްދަނީ އެހެނިހެން ކުންފުނިތަކުންނެވެ. ނަތީޖާ ދައްކާގޮތުން ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުގެ ކާބޯތަކެތީގައި ގިނަ އަދަދެއްގެ ކާބޯހައިޑްރޭޓްސް އާއި ސޯޑިއަމް (%80) އަދި %29 ފެޓް ހުންނަކަމުގައި ވެއެވެ. މި ދިރާސާއިން ނިންމި ގޮތުގައި ދުންފަތުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން ނެރޭ ކާބޯތަކެތި ތައްޔާރު ކުރެވިފައިވަނީ ގިނަ އަދައެއްގެ މީހުން ގަންނާނެ ގޮތަކަށް ކަމާށާއި އޭގެ ސަބަބުން މީހުންގެ ސިއްޙަތަށް ނުރައްކާތެރި އަސަރު ކުރާކަމެވެ.
ސައިންޓިސްޓުން ބުނާގޮތުގައި މިފަދަ ތައްޔާރީ ކާނާތަކަކީ އެމެރިކާގެ ކޮންމެ 3 ކުން 1 ރައްޔިތަކު ދުވާލަކު ކާ ތަކެތި ކަމެވެ. އަދި މި ތަކެތީގައި އެކުލެވިގެންވާ ގިނަ އަދަދެއްގެ ރިފައިންޑް ކާބޯހައިޑްރޭޓްސް އަދި އިތިރު ކުރެވިފައިވާ ފެޓްސް ގެ ސަބަބުން ސިކުނޑީގައި ޑޮޕޮމީން ކިޔާ މާއްދާއެއް އިތުރުވެއެވެ. މި މާއްދާގެ ސަބަބުން އަހަރުމެން ގަޔާވާ ކާއެއްތެރި އިތުރަށް ކާން ދެވިހިފައެވެ. އަދި ނަތީޖޭއެއްގެ ގޮތުން އެތަކެތިން ގެއްލުންވިޔަސް އެތަކެއްޗަށް “ކްރޭވް” ކުރެއެވެ.