ސަރުކާރު ހިންގާ މައި ކޯލިޝަން ޕީޕީއެމް ޕީއެންސީ ގެ ލީޑަރޝިޕްގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއެކު ތިއްބެވިކަން އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ވަޒީރުނާއި ނައިބު ރައީސް ހާމަކުރައްވައިފިއެވެ.
ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕާ ގުޅުން ގޯސްވެ، ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ފެއްޓެވުމާއި އެކު ނައިބު ރައީސްއާއި ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން ގެންދަވަނީ މުއިއްޒު އާއެކު ތިއްބެވިކަން ހާމަކުރައްވަވައިފިއެވެ.
މިވެރިކަމަކީ އެތައް ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުން ވެރިކަމެއްކަމަށާއި، މިޢި އެމަސައްކަތުގެ ނަތީޖާކަމަށާއި، ރައްޔިތުން އިހްތިޔާރުކުރީ ރައީސް ޑރ މުއިއްޒުގެ ތަސައްވަރުކަމަށާއި، ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންގެ މަސްލަހަތަށްކަމަށާއި، މިވެރިކަމަކީ ރައްޔިތުންގެ ލާބައާި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ މުއިއްޒުއާއި އެކު ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ
ރައީސް މުއިއްޒުގެ ވެރިކަން ގެނައުމަށް މަސައްކަތް ކުރި ފަދައިން ވެރިކަން ދިފާއު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ ވިދާޅުވެފައެެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޝަހީމް ހުންނެވިއެވެ. ގައުމު ދެކެ ލޯބިވާ ރައްޔިތުން ރައީސް މުއިއްޒު އާއެކު ކުރިޔަށްދިޔުމަށް ޔާމީން އާ އަރިސް ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ފެންނަމުންދިޔަ ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫންވެސް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް 5 އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު، މިތިއްބެވީ ރައީސް ޑރ މުއިއްޒު އާއެކުކަމަށް ރައީސް ޔާމީން ސަރުކާރުގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަދި މިހާރު ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ވިދާޅުވެފައެވެ.
ރައީސް ޔާމީން ސަރުކާރާއި މިހާރު ސަރުކާރުގެވެސް އިގްތިސޯދާއި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވަނީ ރައީސް ޑރ. މުއިއްޒު ވަރު ބަލި ކަމެއް ނެތް ރައްޔިތުންގެ ހިދުމަތުގައި ވަގުތު ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިންމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށް ގެންދަވާފައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ ވަޒީރުންނާއި ސަރުކާރުގެ އަދި ދެޕާޓީގެ އިސްލީޑަރޝިޕުން ދަނީ މިސަރުކާރަށް އޮތް ތާއިދު ހާމަކުރަމުންނެވެ. ފަސްނުޖެހި ރައީސް މުއިއްޒުގެ ހިމާޔަތުގައި، ސަރުކާރު ދިފާއުގައި ތިބިކަން އަންގައިދީފައެވެ. އެންމެންވެސް ހާމަކުރަމުން ދަނީ ރައީސް މުއިއްޒަކީ ދެގޮތެއްނުވާ ލާމަސީލް ވެރިއެއް ކަމަށެވެ.