ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ހިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފި އެވެ.
ފާޅުގައި ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށް ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވަނީ ވިދާޅުވެފައިއެވެ.
އެމްޑީޕީން ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އެ މަގާމަށް ރޭ އިންތިހާބުވެވަޑައިގަތް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެގޮތަށް ނިންމީ ޕީޖީ ގްރޫޕްގެ ސިއްރު ވޯޓަކުން ފާސްކޮށްގެންނެވެ.
ރޭގެ ވޯޓު ސަލީމް ކާމިޔާބު ކުރެއްވީ 51 ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.