ކަރްމާގެ ޙަޤީޤަތް

بسم الله الرّحمن الرّحيم، الحمد لله والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:

“ކަރްމާ” ނަޒަރިއްޔާއަކީ ހިންދިއްޔާ އާއި، ސީޚިއްޔާ އާއި، ޖައިނިއްޔާ އާއި، ބޫޛިއްޔާ[1] މި ދީންތަކުގައި ޤަބޫލުކުރެވޭ ޢަޤީދާއެކެވެ. މިދީންތަކުގެ މެދުގައި، އަދި މިދީންތަކަށް ނިސްބަތްވާ ބައިގަނޑުތައް (ސެކްޓު/ފިރުޤަތައް) އެއްބަޔަކު އަނެއްބަޔަކާ ޚިލާފުވާ ކުދިކުދި ކަންތައްތަކެއް ހުއްޓަސް، މައިގަނޑު ގޮތެއްގައި މި ޢަޤީދާގެ އަޞްލަށް އެންމެންވެސް އީމާންވެއެވެ.

ސާންސްކިރިތު ބަހުން “ކަރްމާ” ނުވަތަ “ކަރަމް” ގެ މާނައަކީ އިންސާނާ ކުރާ “ކަންތައްތައް” ނުވަތަ “ޢަމަލު” ތަކެވެ. އަދި އެޢަމަލުތަކުގެ ނަތީޖާތަކެވެ. އިންޑިއާ ބައްރުގައި އިސްވެ ނަންގަނެވުނު ދީންތަކުގެ އަހުލުވެރިން ދެކޭ ގޮތުގައި އެނގިހުރެ ޤަޞްދުގައި އިންސާނާ ކުރާ، ނުވަތަ ކުރަން ވިސްނާ ކޮންމެ ކަމެއްގެ ނަތީޖާ އޭނާއަށް ފެންނާނެއެވެ. އެ “މޭވާ” ދޮންވެގެން ވެއްޓޭނެ މުއްދަތު ބައެއްފަހަރު ވަރަށް ދިގުވެސް ވެދާނެއެވެ. ނުވަތަ ބައެއްފަހަރު ވަރަށް އަވަސްވެސް ވެދާނެއެވެ.

މީގެ މިސާލަކީ: ދުނިޔެއަށް އުފަންވީ ވަރަށް ކަޅު، ހަށިގަނޑުގައި ޢައިބުތަކެއް ހުރި ތުއްތު ކުއްޖެކެވެ. އެމީހުން ދެކޭގޮތުގައި ކަޅުވުމަކީ ޢައިބެކެވެ. މިއާއެކު، ހަށިގަނޑުގައި އެހެންވެސް ޢައިބުތަކެއް ހުރުމުން، އެކަން އެކުއްޖާއަށް މެދުވެރިވާންޖެހޭ ސަބަބެއް އެމީހުންނަކަށް ނުވިސްނުނެވެ. އެހެންކަމުން، އެމީހުން ދެކުނު ގޮތުގައި އެއީ އޭނާ “ކުރީ ޙަޔާތެއްގައި”[2] ކޮށްފައިވާ ގޯސް ކަންތައްތަކެއްގެ ނަތީޖާއެވެ. ކަރްމާއެވެ.

މި ޢަޤީދާގެ އަސްލު ރުޖޫޢަވަނީ ޝުބުހައަކަށެވެ. އެއީ ﷲ سُبْحَانَهُ وَتَعَالَى އަކީ އަނިޔާވެރިވާނެ ފަރާތެއް ނޫންކަމަށްވެފައި، އެފަދަ ގޮތެއްގައި ކުއްޖާ ޚަލްޤު ކުރެއްވުމަކީ އަނިޔާއަކަށް ނުވާނެ ހަމައެކަނި ގޮތަކީ، އެއީ ކުއްޖާ ކުރިން ކޮށްފައިވާ ކުށްތަކެއްގެ ޢުޤޫބާތެއް ކަމުގައި އެކަން ހެދުންކަމުގައި އެމީޙުންނަށް ވިސްނުމެވެ. ﷲ سُبْحَانَهُ وَتَعَالَى ހުސްޠާހިރުވަންތަ ކުރުމުގައި އިލާހީ ވަޙީއާއި ޝަރީޢަތުގެ އަލިގަދަ ވޮށް ދޫކޮށް، އަމިއްލަ ބުއްދިތަކުން މިކަންކަން މާނަކުރަން އުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، މައުޞޫމު ތުއްތު ކުއްޖާއަކީވެސް ކުށްވެރިއެއް ކަމުގައި އެމީހުން ގާތުގައި ވެގެން ދިޔުމެވެ. [3]

މިއީ “ކަރްމާ” ގެ އަޞްލެވެ. މި ޢަޤީދާގެ އަހުލުވެރިން ދެކޭ ގޮތުގައި، ރޫޙަށް ދެވިފައިވަނީ އޭގެ ކުރީ ޙަޔާތުގައި އެ ރޫޙު އުޅެފައިވާ ގޮތާއި އެކަށީގެންވާ ނަތީޖާއެއް ލިބޭނެ ޙަޔާތަކެވެ. މިސާލަކަށް: ކުރީ ޙަޔާތުގައި އުޅެފައިވަނީ ގޯސްކޮށް ނަމަ، މި ޙަޔާތުގައި އެ ރޫޙު ކުރަތްޕެއްގެ ގައިގައި ލެއްވިދާނެއެވެ. ނުވަތަ ހޯނެއް ނުވަތަ މެއްސެއް ކަމުގައިވެސް ވެދާނެއެވެ.  މިޙަޔާތުގައި ރަނގަޅަށް އުޅެފިނަމަ، މިޙަޔާތް ނިމި ދެން އޮންނަ ޙަޔާތަށް ދެވޭއިރު ފަހަރެއްގައި ރީތި، ނަސީބު ރަނގަޅު، މުއްސަނދި މީހަކަށް ވެދާނެއެވެ.

އެމީހުން ދެކޭ ގޮތުގައި، ރޫޙާއި “ކަރްމާ” ގުޅިފައިވާހާ ހިނދަކު މިގޮތުގައި ރޫޙު އެއް ޙަޔާތުން އަނެއް ޙަޔާތަށް ނަޤުލުވެވެ ހުންނާނެއެވެ.[4] އޭނާގެ ނަފްސުން “ކަރްމާ” ކެނޑިގެންދާނެ ގޮތަކީ އޭނާގެ ހުރިހާ އެދުންވެރިކަމެއް ނެތި ދިޔުމެވެ. އެއާއެކު ސަލާމަތް ކަމާއެކު، ތާއަބަދަށް ދިރިގެންވާ ފަރާތެއް ކަމުގައި އޭނާ ވެގެންދާނެއެވެ. މި މަރުޙަލާއަށް “ނިރްވާނާ” ނުވަތަ “މޯކްޝް” ޙާޞިލްވުމޭ ކިޔެއެވެ. މީގެ މާނައަކީ މިނިވަންކަމާއި ދޫވުމެވެ. އެބަހީ ދިރުމާއި މަރުގެ ދައުރުވުމުން ދޫވެ މިނިވަން ވުމެވެ. މިކަމަކީ އެމީހުން ދެކޭ ގޮތުގައި ކޮންމެ ޙަޔާތެއްގައިވެސް މަސައްކަތްކޮށް، ވަކި ކަންތައްތަކެއް ތަކުރާރުކޮށް، ނުވަތަ ގިނަ މުއްދަތަކަށް ކޮށްގެން، ނުވަތަ މަރުވެގެން ޙާޞިލް ކުރެވިދާނެ އެއްޗެކެވެ. މިކަން ކުރުމަށް އެމީހުން ކުރާ ކަންކަމުގެ ތެރޭގައި “ޔޯގާ” ހެދުމާއި “މެޑިޓޭޓް” ކުރުންވެސް ހިމެނެއެވެ. އެމީހުން ދެކޭ ގޮތުގައި ވަކި ގޮތަކަށް ވަކި ބާވަތެއްގެ ޔޯގާއާއި އެފަދަ އެނޫންވެސް ކަންކަން ކޮށްގެން،  މަރާއި ދިރުމުގެ ހައިޖާނުން ސަލާމަތްވެ “އެންމެ މަތީ ފަރާތާ” އެއްވެވިދާނެއެވެ.[5]

މި ބަޔާންކޮށްދެވުނު މިންވަރުންވެސް، “ކަރްމާ” ޢަޤީދާގެ ނުރައްކާތެރިކަމާއި، އޭގެ ފަހަތުގައިވާ ބާޠިލް ޢަޤީދާ އެގިގެންދާނެއެވެ. މިއަދު މުސްލިމުންނަށް މިޢަޤީދާ ހުށަހަޅައި ދެވެނީ މިހާ ބޮޑު އެއްޗެއް ގޮތުގައެއް ނޫނެވެ. ކުރާ ކޮންމެވެސް ކަމަކަށް އިރުކޮޅަކުން ލިބޭ ނަތީޖާއަށް ފަސޭހަގޮތަކަށް “ކަރްމާ” އޭ ކިޔައި ފުއްދާލަނީއެވެ. ހިތާމަހުރި ކަމަކީ މިޙަޤީޤަތް ބަޔާންކޮށްދެވިއްޖެނަމަ، ބައެއް ޒުވާނުން “އެއީ ހަމައެކަނި އިނގިރޭސި ބަހެކޭ، ވަކި ޢަޤީދާއެއް ނޫނޭ” ބުނެ ފަސޭހަކޮށްލާކަމެވެ. ދަންނަންޖެހޭ ކަމަކީ، ޝައިޠާނާ ކަންކަން ޒީނަތްތެރިކޮށް ދައްކަނީ މަރުޙަލާތަކުން ކަމެކެވެ. ފިޔަވަޅަކުން ފިޔަވަޅަކުން ކަމެވެ. ކުއްލިއަކަށް އެކުއެކީ އެއްފަހަރާ ނޫންކަމެވެ.

(يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ)ﱠ النور: ٢١
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާ ނުވާށެވެ!”

މުސްލިމް އަޚާއެވެ! ނުވަތަ އުޚްތާއެވެ! ތިބާގެ ދީނަކީ ފުރިހަމަ ދީނެކެވެ. ތިބާގެ ވެރި ރައްބަކީ އަނިޔާވެރިވާ އިލާހެއް ނޫނެވެ. އެކަލާނގެ ދުނިޔެ ލައްވާފައިވަނީ އިމްތިޙާނުގެ ގޮވައްޗެއް ކަމުގައެވެ. އެކި މީހުންނަށް އެކި މުޞީބާތް ޖައްސަވައި އިމްތިޙާން ކުރައްވައެވެ. ދިރުމާއި މަރުވުން އެކަލާނގެ ލެއްވިއެވެ. އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައެވެ.

(الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ)الملك: ٢
“އެކަލާނގެއީ، ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި ދިރިހުރުން އުފެއްދެވި އިލާހެވެ.”

އެކަލާނގެ އިންސާނައަށް ދެއްވާފައިވަނީ 2 ގޮވައްޗެކެވެ. ދުނިޔޭގެ ޙަޔާތާއި އާޚިރަތުގެ ޙަޔާތެވެ. އޭގެ ތެރެއިން ޢަމަލުކުރުމުގެ ގޮވައްޗަކީ މި ދުނިޔޭގެ ގޮވައްޗެވެ. ފުރިހަމައަށް ޖަޒާދެއްވުމުގެ ގޮވައްޗަކީ އާޚިރަތުގެ ގޮވައްޗެވެ. އެހެންކަމުން، ދުނިޔޭގެ ޙަޔާތުގައި އެމީހުން ކުރި ހުރިހާ ޢަމަލެއް ލިޔުއްވައި، އޭގެ ތެރެއިން ޛައްރެއްގެ މިންވަރުވެސް ދޫނުކުރައްވައި ޙިސާބުކުރެއްވުމަށްޓަކައި ޤަބުރުގައިވާ މީސްތަކުން އެކަލާނގެ އަލުން ދިރުއްވާނެކަމަށް ޔަޤީންކަމާއެކު އީމާންވާމީހާއަށް “ކަރްމާ” އަކަށް ޙާޖަތެއް ނެތެވެ. އޭނާގެ ދީން އެއަށްވުރެ ފުރިހަމައެވެ.[6]

(وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ) الأنبياء: ٤٧
“އަދި ތިމަންއިލާހު ޤިޔާމަތްދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމްކުރައްވާ ހުށީމެވެ. ފަހެ، އެއްވެސް ނަފްސެއްގެ މައްޗަށް އެއްވެސް ކަމަކުން އަނިޔާވެރިއެއް ނުވެވޭނެތެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، ތިމަންއިލާހު އެ ގެންނަވާ ހުށީމެވެ. ޙިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންއިލާހު ފުދެއެވެ.”

(فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ ٧ وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ ٨ ) الزلزلة: ٧ – ٨
“ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެއެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެއެވެ.”

وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين.

[1]  ބޫޛިއްޔާއޭ ބުނުމުން އޭގެ މާނައަކީ ގޯތަމް ބުއްދާއަށް ނިސްބަތްކުރެވޭ ބުޑިސްޓު ދީނެވެ. މިތާނުގައި ޛިކުރުކުރެވިފައި އެވަނީ މި ދީނާއި، އަދި ދެން ނަންގަނުވު ދީންތަކަށް ޢަރަބި ބަހުން ކިޔޭ ނަންތަކެވެ.
[2]  މިއަށް އެމީހުން ކިޔައި އުޅެނީ “ޕިޗްލީ ޖަނަމް” އެވެ. އާ ޙަޔާތަކަށް އައުމަށް “ޕުނަރް ޖަނަމް” އޭ ކިޔެއެވެ.
[3]  ޢަދުލުގެ ނިޒާމް ކަލަކަށް ނިސްބަތް ކުރުމުގެ ބަދަލުގައި އެމީހުންގެ ތެރެއިން ގިނަ ބަޔަކު އެކަން ކައުނަށްވެސް ނިސްބަތް ކުރެއެވެ. އެބަހީ: މިކަންކަން ހިނގައި ދަނީ ކައުނުގެ ޢަދުލުވެރި ނިޒާމުގެ ސަބަބުންނެވެ.
[4]  މުސްލިމް ޢިލްމުވެރިން މިޢަޤީދާއަށް ކިޔުއްވައި އުޅުއްވަނީ “ތަނާސުޚުލް އަރްވާޙް” އެވެ. މިމައުޟޫޢަށް “ފަޞްލުން ފިލް މިލަލި ވަލް އަހްވާއި ވައްނިޙަލް” ގައި އިބްނު ޙަޒްމު އަދި “އައްރޫޙު” އާއި “ޠަރީޤުލް ހިޖްރަތައިނި” މި ދެފޮތުގައި އިބްނުލް ޤައްޔިމްވެސް ވާހަކަ ދައްކަވާފައި ވެއެވެ.
[5]  މިއަށް ކިޔެނީ “ވިޙްދަތުލް ވުޖޫދު” އެވެ. އެބަހީ: މަޚްލޫޤާއި ޚާލިޤު އެއްވުމެވެ. މިއީ “ލުސިޑް ޑްރީމް” އާއި “ހިޕްނޯސިސް” އާއި “މެޑިޓޭޝަން” އާއި “ޔޯގާ” އާއި މިނޫންވެސް ޝިރުކީ ނުވަތަ ޚުރާފީ ކަންކަމުގެ އަސްލު މަޤްޞަދެވެ. އެފަރާތާއި އެއްވުމެވެ. ޢަޖައިބުކުރުވާ ކަމަކީ މިކަންކަން ކުރާ މީހުން ގާތަށް ޝައިޠާނުން އައިސް އެމީހުން ހައްލާލެއް މޮޅުކަމެވެ. މިކަންކަމަށް އީމާންވުމުގައި އެމީހުންގެ ބައިގަނޑުތައް އެއްބަޔަކު އަނެއްބަޔަކާ ޚިލާފުވާ ކަންކަން ހުރެއެވެ. ނަމަވެސް، އުޞޫލުތަކަށް ބަލާއިރު އެމީހުންގެ އުޞޫލުތަކަކީ އެކައްޗެކެވެ.
[6] މިލިޔުން ތައްޔާރުކުރުމުގައި ގިނަ މަޞްދަރުތަކަކަށް ބަލައިފައި ވާނެއެވެ. އޭގެ ތެރެއިން މައިގަނޑު މަޞްދަރަކީ الموسوعة الميسّرة في الأديان والمذاهب والأحزاب المعاصرة މި އެކުމާފާނެވެ. އަދި މިނޫނަސް އެހެނިހެން ބައެއް އިސްލާމީ މަޞްދަރުތަކަށް ރުޖޫޢަވެފައިވާނެއެވެ. މީގެ އިތުރުން، ބައެއް ޣައިރު މުސްލިމުން މި މައުޟޫޢުގައި، ޚާއްޞަކޮށް ހިންދީ ދީނުގެ ފާދިރީންނާއި ޢިލްމުވެރިން ލިޔެފައިވާ ބައެއް ފޮތްތަކަށްވެސް ރުޖޫޢަވެފައިވާނެއެވެ. އެއީ ޢާންމު މުސްލިމުން ކިޔުން އެދެވިގެންވާ ފޮތްތަކެއް ކަމުގައި ނުބެލެވޭތީ އެ ފޮތްތަކުގެ ނަންތައް ގެނެސްދިނުމުގެ މަންފާއެއް ނެތެވެ.

ގުޅުންހުރި