-Advertisement-

-Advertisement-

ފެންވަރު ނުވަތަ ޝަރުތު: “ނެތް” – މުސާރަ: މަހަކު -/100،000

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙަޤީޤީ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމްވެގެންދިޔައީ 2008 ގައި ބޭއްވުނު އިންތިޚާބުގެ ފަހުގައި ކަމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. “ދިމިގްރާތީ” އުސޫލުން ރާއްޖޭގެ ކަންކަން ހިނގަންފެށީ މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދައުރު ނިމި، އެއް ޕާޓީއަށްވުރެ ގިނަ ޕާޓީތަކަށް ވާދަކުރެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުނު ހިސާބުންނެވެ.

ދިމިގްރާތީ ހަމަތަކަކީ ދިވެހިން އެހާ ފަރިތަ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ދިވެހިން މި އުސޫލުތަކާ ވަރަށް ޤަބޫލެވެ. ބޭނުން ވާހަކައެއް ދެއްކެއެވެ. ވެރިން ކުރާ ކަންކަމާ ބެހި ފާޑު ކިޔެއެވެ. ތަންތަނަށް އެއްވެ މުޒާހަރާކޮށް އަޑުގަދަކުރެވެއެވެ. “ސިޔާސީ” ވާހަކަ ދައްކަން އެނގޭ މިހާ އަކީ ޙައިސިއްޔަތެއް ލިބި، މީހުންގެތެރޭގައި މަޤްބޫލުކަން ލިބޭ މީހަކަށް ވެދެއެވެ.

15 އަހަރު ވޭތުވެގެން ގޮސް އޮބާލައިފިއެވެ. ދިވެހިންނަށް “ޑިމޮކްރަސީގެ” އައުކަން ކެނޑި އޮފު ހިނގައްޖެއެވެ. ސިޔާސީ ކަންކަމާ އުޅޭ ފަރުދުންނަށް ޝައްކުގެ ނަޒަރު ދެވެން ފަށައިފިއެވެ. ޑިމޮކްރަސީގެ ޙަޤީޤީ ބޭނުން އޮޅި، ނަހަމަ މާލީ މަންފާ ހޯދޭ ވަސީލަތެއްގެ ސިފަ ޖެހެން ފަށައިފިއެވެ. ރައްޔިތުންގެ އިޙްސާސްތަކާއި ބޭނުންތަކަށްވުރެ ސިޔާސީ ފިކުރު އިސްވާނެކަން ޤަބޫލުކުރަން ފަށައިފިއެވެ. އިންތިޚާބުކުރެވޭ ފަރާތަތަކަށް ކުރާ ތާއީދާއި ސަޕޯޓް ވޯޓްލާ ދުވަހާއި ހަމައިން ނިމެން ފަށައިފިއެވެ. ވެރިކަމަށް އަންނަ މީހާ ހުވާކޮށްފައި ގެޔަށް ދިޔުމުގެ ކުރިން އެމީހާގެ ވެރިކަން ނިންމުމުގެ ޕްލޭންތައް ހަދަން މަޝްވަރާ މަޖިލިސް ފަށައިގަނެއެވެ.

ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމެއްގެ ކަންކަން މިފަދައިން ހިނގާން ވެއްޖެނަމަ، އެޤައުމު ޑިމޮކްރަސީގެ ޙަޤީޤީ ފޮނި މީރުކަމެއް ނުދެކޭނެއެވެ. އެޤައުމެއްގެ ރައްޔިތުން އަބަދުވެސް އުޅޭނީ ހައިޖާނެއް ތެރޭގައެވެ. ހަލަބޮލިކަމެއް ތެރޭގައެވެ. ދާޚިލީ ހަމަނުޖެހުމަކީ އެންމެ ގާތުގައި ވާނެކަމެވެ. ޤައުމަށް ހެޔޮއެދޭ ދަރިއަކު ނަމަ މިކަންކަމާ ވިސްނައި ފިކުރު ހިންގައިލަން މާލަސްވެސް ވެއްޖެއެވެ. 

ހަމަޔަޤީނުންވެސް ގޯސްކޮށް ކުރެވޭ ކަންކަން އެބަހުއްޓެވެ. ނިޒާމުގައި މައްސަލަ އެބަހުއްޓެވެ. މީހުންގެ ވިސްނުމަށް ވައްދައިދޭންޖެހޭ ކަންކަން އެބަހުއްޓެވެ. ވެރިކަމުގެ ނިޒާމް ހިނގަމުން މިދަނީ ރައްޔިތުން ނުވަތަ ޤައުމު އެދޭ މިސްރާބަށްތޯ ޔަޤީންކުރަން ޖެހެއެވެ. ދައުލަތުގެ އިސްމަޤާމްތަކަކީ އެކަށޭނަ މަޤާމްތަކެއްތޯ ކަށަވަރު ކުރަން ޖެހިއްޖެއެވެ.

އިންތިޚާބުތަކަށް ކުރިމަތިލެވޭ ފަރާތްތަކުގެ ކިބައިގައި ހުންނަން ލާޒިމް ޝަރުތުތަކެއް ޤާނޫނުގައި ބަޔާން ވެފައިވެއެވެ. ވަކި ޚާއްސަ ޝަރުތުތަކެއް ނޫނެވެ. އެންމެ އާދައިގެ ޝަރުތުތަކެވެ. އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުންގެ ހަމަވާ ޝަރުތު ތަކެކެވެ. 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކަށް ބަލާލާއިރު، ޤާނޫނު އަސާސީހެ 109 މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަކީ:

  • (ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހިރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
  • (ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  • (ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.
  • (ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  • (ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
  • (ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.
  • (ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

-/6000 ރުފިޔާ ލިބޭ ވަޒީފާއެއްގެ ޝަރުތުވެސް މިއަށްވުރެ ބޮޑެވެ. އެންމެ ކުޑަ މިންވަރަކަށް ސާނަވީ އިމްތިހާނަކުން 2 މާއްދާއިން “ސީ” ފާސް އޮންނަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރާ މީހެއްގެ ޝަރުތަކަށް ތަޢުލީމެއް ތަޖުރިބާގެ ވާހަކައެއްވެސް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ އަދި ރަށެއްގެ ކައުންސިލަރަކަށް ކުރިމަތިލުމުގެ ޝަރުތުވެސް ހަމަ މިފަދައެވެ. އުމުރުން 18 އަހަރުވެ، ބުއްދިސަލާމަތުންހުރި ހާލު، ދިވެހިރާއްޖޭގެ ރައްޔިތަކަށް ވުމާއެކު ސުންނަތްޖަމާއަތުގެ މުސްލިމެއްނަމަ ޝަރުތު ފުރިހަމަވީއެވެ. ޢިލްމެއް ޙިލްމެއް ތަޖުރިބާއެއް ބޭނުން ނުވެއެވެ.

މުޅިރާއްޖެއަށް ބޭނުންވާ ހުރިހާ ޤާނޫނުތަކެއް ފަރުމާކޮށް ފާސްކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެންތިބޭ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ޤާނޫނީ ޢިލްމެއް، ނުވަތަ އެހެންވެސް ގުޅުންހުރި ޢިލްމެއް ހުންނާކަށް ލާޒިމެއް ނޫނެވެ. ކޮންމެ ގޮތަކަށް ހޯދިޔަސް، ރައްޔިތުންގެ ވޯޓް ހޯދައިގެން މަޤާމަށް އިންތިޚާބުވީމާ ނިމުނީއެވެ. 

ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގަން އިންތިޚާބުކުރެވޭ ކައުންސިލަރުންގެ ހާލަތު އަދި މާދަށެވެ. ބައެއް ކައުންސިލަރުންނަކީ ކިޔެވިކަމުގެ ލިޔުންވެސް ނުލިބޭ މީހުންނެވެ. އިންތިޚާބުކުރެވޭ މަޤާމާބެހޭ ޤާނޫނުގެ ނަން ވެސް ގިނަ މީހުންނަށް ނޭނގެއެވެ. ދޫފަރިތަވެފަ ޕޯޑިޔަމްގައި މީހުން ރުހޭބާވަތުގެ ވާހަކަ ދެއްކިފައި، ތަނަވަސްކަމުގެ ބޭނުންކޮށްގެން ވޯޓް އަޅާ މީހުން ރުއްސާލެވިއްޖެއްޔާ އެވީއެވެ. އާޢިލާގެ މީހުން ގިނަވެފަ، މައިންބަފައިންގެ ނުފޫޒާ ބާރު އެދާއިރާއެއްގައި އޮވެއްޖެނަމަ އިންތިޚާބުވާލެއް އަދި މާފަސޭހައެވެ.

ޑިމޮކްރަސީއަކީ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް އެކުލެވޭ ނިޒާމަކަށް ވީހިނދު، ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން އައްޔަން ކުރެވޭ މީހުންނަކީ ކަމަށް ޤާބިލު، ތަޢުލީމީ ޒިންމާދާރު ބައެއްތޯ ކަށަވަރު ކުރެވެން ޖެހެއެވެ. ދިގުރާސްތާގެ ތަރައްޤީގެ ޕްލޭން ހަދައި އެޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ ބަޔަކުތޯ ކަށަވަރުވާން ޖެހެއެވެ.

ކޮންމެ 5 އަހަރަކުން ވެރިކަމުގެ ދައުރު ބަދަލުވެ، ވެރިމީހާ ބަދަލުވީމާ ކުރީގެ ދައުރުގެ ތަރައްޤީގެ ޕްލޭންތަކަކީ ބޭކާރު ޕްރޮޖެކްޓްތަކަށް ވެދެއެވެ. ރައްޔިތުން ނުރުހޭ “ކޮރަޕްޝަން” އަށް ވެގެންދެއެވެ. ކުރިން ފައްޓާފައިހުރި ޕްރޮޖެކްޓްތަކަށް ވުރެ ބޮޑު ޕްރޮޖެކްޓް އުފައްދައި، ފަށަން ޖެހެއެވެ.

ނަތީޖާއަކީ ޤައުމުގެ ތަރައްޤީގެ ދުވެލި ބޮޑުތަނުން މަޑުވުމެވެ. ދައުލަތުގެ ދަރަނި ބޮޑުވެ މެނޭޖްނުކުރެވޭ ވަރު ވެގެން ދިޔުމެވެ. ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ގެއްލި ހިތްއެދޭ ތިޔާގި ދިރިއުޅުމުގެ އުއްމީދު ފަނޑުވެގެން ދިޔުމެވެ.

ދައުލަތުގެ އިސް މީހުންގެ މުސާރަ ބޮޑުކުރުން ގޯސްކޮށްގެން ތިބުމަށްވުރެ މުހިއްމީ އެ ބޮޑު މުސާރަ ޙައްޤުވާ، އެ ފެންވަރު ހުރި މީހުން މަޤާމްތަކަށް ހޮވޭނެ ގޮތަކަށް ނިޒާމް ބަދަލުކުރުމެވެ. ހަމަ ޔަޤީނުންވެސް ދައުލަތް ހަރުދަނާ ވާނެއެވެ. ބޮޑު މުސާރަ ދެވޭ މީހާގެ ފަރާތުން ޤައުމަށް ލިބޭ ޚިދުމަތް ފުޅާވެފައި ފައިދާ ބޮޑުވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-