-Advertisement-

-Advertisement-

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސަޅި ކަމެއް ނޫން!

ފޮޓޯ: ދަ އޮކިނަމިކް ޓައިމްސް

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ އެކުވެސް އަދި އެކަން އެނގިތިބެ ވެސް އެކި ސަބަބުތަކާ ހުރެ މިކަމުގައި ބައިވެރިވާ މީހުން އަދިވެސް ގިނައެވެ. ބައެއް ފަހަރަށް ވަކި ޖަމާއަތްތަކެއްގެ ތެރެއަށް ފިޓުވުމުގެ ބޭނުމުގައި އެކަން ކުރަނީއެވެ. އަނެއްބައި ފަހަރު އެހެން ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރާތަން ފެނުމުން ކުރަނީއެވެ. ނުވަތަ ކޮންމެވެސް އެހެން ސަބަބެކެވެ. ދުންފަތުގެ އިސްތިއުމާލުކުރަން އިހުތިޔާރުކުރާ ސަބަބު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެކަމުގެ ސަބަބުން އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހެޅޭ ގޮތަށް އޮތުމަކީ އެއްވެސް ބަދަލެއް އަންނަކަމެއް ނޫނެވެ.

ދުންފަތުގެ އިސްތުމާލުކުރާ މީހާއަށް ތަފާތު އެކި ބަލިތައް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. އެގޮތުން، ފުއްޕާމޭގެ ކެންސަރު ޖެހުން، ހިތުގެ ބަލިތައް ޖެހުން، ސްޓްރޯކް ޖެހުން، އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުންވުމުގެ އިތުރުން އެހެނިހެން ބަލިތައް ވެސް ޖެހެއެެވެ. އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސިނގިރެޓުން ލިބޭ ގެއްލުން ވެސް ހަމައެހާ ބޮޑެވެ. ކޮންމެ ސިނގިރެޓެއްގައި ވެސް އެތައް ބައިވަރު ކެމިކަލް އެކުލެވިގެން ވެއެވެ. މިއިން ކޮންމެ ކެމިކަލަކީ ވެސް ހަށިގަނޑަށް ގެއްލުން ހުރި ކެމިކަލެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންލިބޭ އިރު މިކަމުގެ ސަބަބުން ގާތުގައި ތިބޭ މީހުން އަދި އާއިލާގެ މެމްބަރުންނަށް ވެސް އެތައް ގެއްލުމެއް ކުރިމަތިވެއެވެ. ގޭތެރޭގައި ދުންފަތުގެ އިސްއިތުމާލުކުރުމުން ކުނޑިތަކާއި ކެމިކަލްތައް މުޅި ގޭތެރޭގައި ހަރުލާފައި ހުރެއެވެ. ގޭގައި އުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް އެކި ތަންތާ އަތްލައި ހެދުމުން މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. މީގެ ސަބަބުންނާއި ދުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ މީހާއަށްވާ ގެއްލުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާއަށް ވެސް ވެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ޖެހޭ ބަލިތައް، ނުކުރާ މީހުންނަށް ޖެހުން ވެސް އެކަށީގެންވެއެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ނޭވާލާން އުނދަގޫވުމާއި ފުއްޕާމޭގައި ފެންހެދި ނުވަތަ ލޯވަޅު ހެދި ލޭ ފޭބުން ފަދަ ފުރާނައަށް ގެއްލުން ހުރި ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް ދެވިހިފުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ބަލިކަށިކުރުވައެވެ. އެ މީހުންނަށް އިހުސާސް ކުރެވެނީ ހަމަ ކޮންމެހެން ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ޖެހޭ ކަހަލަ އިހުސާސެކެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ތިމާ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި އެއީ ތިބާގެ ދިރިއުޅުން ހިފަހައްޓަންޖެހޭ ކަމެއް ވެސް ނޫނެވެ.

ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ހަށިގަނޑުގެ ތެރެއަށް ތިޔަ ދަމާލާ ދުންކޮޅުގައި ކިހާ ކެމިކަލެއް އެކުލެވޭނެ ކަމާ އަދި ހަށިގަނޑުގެ ގުނަވަންތަކަށް އެ ދުންކޮޅުގެ ސަބަބުން ގެއްލުންވާނެ މިންވަރު އަންދާޒާކޮށް އެކަމާ މެދު ވިސްނައި ތިމާގެ އަމިއްލަ ސަލާމަތަށްޓަކައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ މުހިންމު ކަމެއް ނޫންތޯއެވެ. ގެއްލުން ދިނުމަކީ އަދި ގެއްލުން ލިބިގަތުމަކީ ވެސް އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-