-Advertisement-

-Advertisement-

އެމްޑީޕީގެ ނައު ދެމެހެއްޓޭނެ ތަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒް އިސްމާއިލް.

ފުރާ ފުރިހަމަވެ، ދިވެހިރާއްޖޭގައި ނުހުއްޓި ވިހުރި ވިހުރި 18 އަހަރު މެދު ނުކެނޑި ފިޔަ ޖަހަމުން ދާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއޭ ބުނުން ގޯހަކަށް ނުވާނެއެވެ. ރާއްޖޭގެ ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށް، ދެދައުރެއްގައި އެއްޕާޓީއަކުން ވެރިކަމަށް އައި ހަމައެކަނި ޕާޓީއެވެ. އުސޫލާއި ހަމަތަކުން އެތެރޭގެ ޑިމޮކްރަސީ ފައްކާވެފައިވާ ޕާޓީކަމަށް ގިނަ ބަޔަކު އިއްތިފާގުވާނެ ޕާޓީއެކެވެ.

ރައީސް ސޯލިހުގެ ދައުރު ބޮޑު

ރިޔާސީ އިންތިޙާބުން ބަލިވެ، ޕާޓީ އަލުން ރުކުރުވާލަން ޖެހިފައިވާ މި ހާލަތުގައި އެމްޑީޕީ ނަގައި ކޮޅަށްޖަހަން ގިނަ ބަޔަކު އިއްތިފާގުވެ، ޕާޓީގެ ވަގުތީ ރައީސްކަން ދެވިފައިވަނީ ކުރީގެ ރައީސް ސޯލިހު އަށެވެ. އެތެރޭގެ ވާދަވެރިކަމާއި އެކު އާންމު މެމްބަރުންގެ މާޔޫސްކަން ފިލުވަން ޕާޓީއަށް މިވަގުތު ގެންނަން ޖެހޭ އިތުރު ކުރިއެރުން ހޯދޭނެ މަގު ދައްކާނެ ލީޑަރަކަށް ރައީސް ސޯލިހު ވާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ރައީސް ސޯލިހު އަކީ މަޑުމައިތިރި، ޕާޓީގެ ހުރިހާ އިސްފަރާތްތަކާއި ގާތުން މަސައްކަތް ކޮށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ކުރިޔަށް ގެންދިޔުމުގެ ޒިންމާ އަދާ ކުރެވޭނެ ތަޖުރިބާ ހުންނާނެ ބޭފުޅެކެވެ. އެމްޑީޕީގެ އެންމެ ގިނަ ދުވަސްވީ އެކްޓިވް މެމްބަރެވެ. އެރުމާއި ވެއްޓުން ތަޖުރިބާކޮށް މަގު ދެއްކޭނެ ފަރާތެކެވެ. ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރުމުގެ ތާރީހެއް އޮތް ބޭފުޅެކެވެ.

ފައްޔާޒުގެ ދައުރު ފުޅާވާން ޖެހޭ

ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެމްޑީޕީއަށް މިވަގުތު ބޭނުންވާ ބަދަލުތަށް ގެނައުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އަދާކުރަން ޖެހޭ ރޯލު ކިތަންމެހާވެސް ބޮޑެވެ. ޕާޓީގެ ކުރިމަގާ ގުޅިފައިވާ ފުންނާބު އުސް ލީޑަރެކެވެ. އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަން ގެނައުމާއި ހިންގެވުމުގައި ފައްޔާޒު ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އަދުގެ ޖީލު ގަބޫލުކުރާ މަގުބޫލު ޕާޓީއެއް ގޮތުގައި އެމްޑީޕީ ދެމި އޮންނާނީ ޕާޓީ އަށް ބަދަލުތަކެއް އައިސްގެންކަން ޕާޓީގެ ޒުވާން ޖީލު ގަބޫލު ކުރެއެވެ. މި ބަދަލުތައް ހޯދައި އާންމު މެމްބަރުންނާއި ހަމަޔަށް މި ބަދަލުތައް ފެންނާން ޖެހެއެވެ. އެމްޑީޕީ އުފެދި ބޮޑުވި ސަބަބުތައް ހަނދާންނެތި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފައްޔާޒު އަދާކުރަން ޖެހޭ ދައުރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޒުވާނުންގެ ހިތްވަރު

އެމްޑީޕީ އުފެދުނު ފަހުން އުފަންވި ޖީލެއް މިއަދު ޕާޓީގެ މެމްބަރުންނަށް ވެއްޖެއެވެ. މި މެމްބަރުންގެ ޝަކުވާ އަހައި ޕާޓީއަކީ ޒުވާނުންގެ އުންމީދުގައި ކުލަ ޖައްސާނެ އިތުބާރު ހިފޭ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮތުމަށް ޕާޓީގެ ޒުވާނުންގެ ގުނަވަންތަކުގެ ހިންގުން ހަރުދަނާވުން މުހިންމެވެ. ތައުލީމީ ގާބިލު ޖީލެއް ސިޔާސީ މައިދާނަށް ނެރެ އުފެއްދުންތެރި ގައުމެއް ބިނާކުރުމުގައި ޕާޓީ ތަކުގެ ދައުރު ބޮޑު ކަމަށް ވީހިނދު އެމްޑީޕީ އަކީ މިކަމަށް އެންމެ ކުޅަދާނެ ޕާޓީކަމަށް ގަބޫލުކުރާ ގިނަ ބަޔަކު ރާއްޖޭގައި އުޅެއެވެ.

މިއަދުގެ ހާލަތަށް ބަލާއިރު އެމްޑީޕީގެ ނައު ނުހުއްޓި ކުރިޔަށް ދިޔުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް މުހިންމު ކަމެކެވެ. މި ޒިންމާ އެމްޑީޕީއަށް އަދާކުރެވޭނީ އިލްމާއި ތަޖުރިބާ އާއިއެކު ޕާޓީގެ ހިންގުމާއި، ހެޔޮ ބަދަލުތަކެއް ޕާޓީއަށް ގެނެވިގެންނެވެ. މި ޒިންމާ ނަގަން ޕާޓީގެ އިސްސަފާއި އާންމު މެމްބަރުން އެއްގަލަށް އަރާ މާޒީ އިން އިބުރަތް ހާސިލްކޮށް މަސައްކަތް ކުރަން ޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-