ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ސްރީލަންކާއިން ވެސް މަނަވަރެއް ފޮނުވުމަށް ނިންމާފައިވާކަމަށް އެގައުމުގެ ރައީސް، ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކަށް ބަދަލު ހިފުމުގެ ގޮތުން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ޔަމަނުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ކުރާ، ހޫތީން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި 20 އަށްވުރެ ގިނަ ހަމަލާދީ އެ ކަނޑަކީ މުދާ އުފުލާ ފަރާތް ތަކަށް ނާމާންތަނަކަށް ހަދާފައިއެވެ.
އިގުތިސާދީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައި އޮތް ލަންކާގެ ރައީސް، ރަނިލް ވިދާޅުވީ ހޫތީންގެ ހަމަލާތަކާ ގުޅިގެން, ހުރިހާ ޝިޕިންލައިންތަކުން ރަތްކަނޑު ބޭނުން ކުރުން ހުއްޓާލައި އެފްރިކާ ވަށާލާފައި ދަތުރު ކުރަން ފަށައިފިނަމަ ދަތުރު ހަރަދާ އެއްވަރަށް މުދަލުގެ އަގު ވެސް އުފުލިގެންދާނެ ކަމަށެވެ.