ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 22 މެންބަރުން ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ފެށީ ކްރޮސް ސަބްސިޑީ އުސޫލުން 21 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބިގެން ކަމަށެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަގޫދޫ އެއާޕޯޓް މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ މަޝްރޫއު ހުއްޓާލަންނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން
އަހުމަދު ހަލީމް ވިދާޅުވީ މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ
ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ގާނޫނުއަސާސީންރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއްކަން ފެންނަ ކަމަށެވެ.
މިއީ ރައްޔިތުންގެ މަންފާއަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެއަށްވުރެ ފުރިހަމައަށް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށްރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާ ހިލާފު ނިންމުމެއް ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖައާކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.