ދުނިޔޭގެ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައޫދީ އަރަބިއްޔާއިން ބައިވެރިވާ ކަމަށް ބުނާ ވާހަކަ އެ މުބާރާތް ބާއްވާ މިސް ޔުނިވާސްއޮގަނައިޒޭޝަނުން ދޮގުކޮށްފި އެވެ.
ސައޫދީން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ ކަމަށް ބުނެ ސައޫދީގެ މޮޑެލް އެއް ކަމަށްވާ ރޫމީ އަލް ގަހްތާނީ، 27، އޭނާގެ ސޯޝަލް މީޑިއާއެކައުންޓްތަކުގައި މިދިޔަ މަހު ހާމަކުރުމާ އެކު ދުނިޔޭގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ.
މި ޕޯސްޓް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި ވާހަކަ ރިޕޯޓްކުރި އިރު ވެސް މިއީ ދޮގެއް ކަމަކަށް މިސް ޔުނިވާސް އިން ބުނެފައެއް ނުވެ އެވެ.
އެކަމަކު އިއްޔެ ނެރުނު ބަޔާނެއްގައި މިސް ޔުނިވާސް އިން ބުނީ މުބާރާތަށް މީހަކު ހޮވުމަށް ސައޫދީގައި އަދި ސިލެކްޝަން ޕްރޮސެސް ކުރިއަށް ނުގެންދާކަމަށާއި މުބާރާތުގައި އެ ގައުމުން ވާދަކުރާ ކަމަށް ބުނާ އެއްވެސް ވާހަކައަކީ އަދި ދޮގެއް ކަމަށެވެ.
ސައޫދީގެ މަޝްހޫރު މޮޑެލް ރޫމީ އަލް ގަހްތާނީ މިދިޔަ މަހު ފަހުކޮޅު ސޯޝަލް މީޑިއާގައި ބުނީ މިސް ޔުނިވާސްގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއްކަމަށެވެ. މިއީ ސައޫދީން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާގެ މި ވާހަކަތައް މިސް ޔުނިވާސް އިން ދޮގުކުރުމުންއަދިވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ޕޯސްޓްތައް ހުރި ގޮތަށް އެބަ ހުއްޓެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ސެޕްޓެމްބަރު އޮންނާނީ މެކްސިކޯގަ އެވެ. މުބާރާތުގައި 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.