ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެމްޑީޕީން އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވުމަކީ ދައުލަތަށް ބުރައެއް ކަމަށެވެ.
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހް ބަލައިނުގަނެ ބޭރުކޮށްލާފައިވާއިރު، މި އިސްލާހު ބޭރުކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރުމަށާއި އެކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެ ކަމަށް އާޒިމްގެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.