ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަކީ، އަންހެނަކަށް ވީތީ ތަބަކަށްލާފައި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަނީ ރައްޔިތުން ވޯޓު ދީގެން ކަމަށް ވިދާޅުވެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ)، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ރައްދު ދެއްވައިފިއެވެ.
ފާރިމަތު ތައުފީގް މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ވިދާޅުވެ ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި މި އިންތިހާބަކީ ފަހުރުވެރިވާން ޖެހޭ ވަރު އިންތިހާބެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވެ 93 ކެންޑިޑޭޓުންގެ ތެރެއިން 3 އަންހެން ކެންޑިޑޭޓުން އިންތިހާބުވުމަކީ ލަދުވެތިކަމެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކޯޓާ ދެ ޖިންސަށް ހަމަހަމަ ކުރަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައިއެވެ.
ފާތިމަތު ތައުފީގު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަންހެންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭކަމަށާ އަދި މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބޭކަމަށެވެ. އަންހެނަކަށްވުމުން އެއްވެސް ކަހަލަ ހުރަހެއް ނެތްކަން ފާހަގަކޮށް ފާތިމަތު ތައުފީގު ވަނީ ރައްޔިތުން ރޮޒައިނާ އަށް ‘ނޫނެކޭ’ ބުނަން ޖެހުނު ސަބަބު ކުރީގެ ވީޑިއޯތަކުން ބަލާލުމަށް އެދިފައެވެ.
ފާތުމަތު ތައިފީގުގެ އެކްސް ޕޯސްޓަށް ރޮޒޭނާ ވެސް ވަނީ ރައްދު ދެއްވާފައިއެވެ. މި ޕޯސްޓަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނަކަށްވެ ހުރެ އެކަހަލަ ވާހަކައެއް ދެއްކުމަކީ ދެރަކަމެއް ކަމަށާއި، މަޖިލީސް ހަލަބޮލިކުރަނީ އަންހެން ކަމަށް ވިދާޅުވިއިރު ފިރިހެނުން މަޖިލީހުގައި ‘އަލިފެއްހެން’ ތިބެނީތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ. އަދި ކުރީގެ ވީޑިއޯތަކަށް ބަލާލުމުން، ފާތިމަތު ތައުފީގު އެފަދަ ވާހަކައެއް ދެއްކުމުން ހައިރާން ނުވާކަމަށް ބުނެ ރޮޒައިނާ ވަނީ ރައްދު ދެއްވާފައެވެ.