ޣައިރު މުސްލިމުންގެ ޢީދުތަކުގައި އެމީހުންނަށް ތަހުނިޔާ ކިޔުން

ލިޔުއްވީ:[1] ޢަބްދުލް ޤާދިރު އަލްޖުނައިދު -حَفِظَهُ اللهُ-
ތަރުޖަމާކުރީ:[2] ޢަދިއްޔު މުޙައްމަދު

بسم الله الرّحمن الرّحيم، الحمد لله والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:

ސުވާލު: ނަޞާރާއިން އަހަރެމެން މުސްލިމުންގެ ޢީދުތަކުގައި އަހަރެމެންނަށް ތަހުނިޔާ ކިޔައެވެ. އެހެންކަމުން، އެމީހުންގެ ޢީދުތަކުގައި އެމީހުންނަށް އަހަރެމެން ތަހުނިޔާ ނުކިޔަންވީ ކީއްވެ ހެއްޔެވެ؟
ޖަވާބު: ސުވާލުގެ ޖަވާބު ތިންބަޔަކަށް ބަހާލައިގެން ކިޔައިދޭނަމެވެ.

ފުރަތަމަ ބައި: ނަޞާރާއިން ކަމަށްވިޔަސް، ނުވަތަ ޔަހޫދީން ކަމަށްވިޔަސް، ނުވަތަ އެނޫން ދީނެއްގެ ބައެއްކަމަށްވިޔަސް، ކާފަރުންގެ ދީނީ ޢީދުތަކުގައި (މިސާލަކަށް: ކްރިސްމަސް ފަދަ ޢީދުތަކުގައި) ޙަރާމްވެގެންވާ ކަމަށް ޢިލްމުވެރިން އިއްތިފާގުވެވަޑައިގެންފައިވާ ކަންތައްތަކެއް ވެއެވެ. އޭގެ ތެރެއިން އަންނަނިވި ކަންކަން ހިމެނެއެވެ.

(1.) އެ ޢީދުތަކުގެ ތަހުނިޔާ އެމީހުންނަށް ކިޔުން.

(2.) އެއްވެސް ގޮތަކުން އެމީހުންނާއެކު އެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުމާއި، އެ ޢީދުތައް ފާހަގަކުރެވޭ ތަންތަނަށް އެމީހުންނާއެކު ޙާޟިރުވުން.

(3.) އެ ޢީދުތައް ފާހަގަކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް އެމީހުންނަށް އެހީތެރިވުން. އެއީ އެ ޢީދުތަކުގައި ކެއުމަށާއި ބުއިމަށް ބޭނުންކުރާ ތަކެތިކަމަށްވިޔަސް، ނުވަތަ ޙަފްލާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ކަމަށްވިޔަސް، ނުވަތަ ލާނެ ފޭރާންކަމަށްވިޔަސް، ނުވަތަ ބެނަރ ހަދައިދިނުން ކަމަށްވިޔަސް، ނުވަތަ އެނޫނަސް އެހީތެރިވުމުގެ ކޮންމެ ޢަމަލެއްވިޔަސް މެއެވެ.

(4.) އެ މުނާސަބަތުގައި އެމީހުންނަށް ހަދިޔާބަދިޔާ ދިނުން.

(5.) އެ ޢީދުތައް ފާހަގަކުރުމަށްޓަކައި ތިމާގެ މިލްކުގައި ނުވަތަ ބާރުގެ ދަށުގައިވާ ހޯލްތަކާއި، ޓެންޓުތަކާއި، ބަގީޗާތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، އަދި އެނޫންވެސް ތަންތަން ކުއްޔަށް ނަމަވެސް އެމީހުންނަށް ދިނުން.

(6.) މުސްލިމް ގައުމުތަކުގައި އެމީހުންގެ ޢީދުތައް ފާޅުކަމާއެކު ފާހަގަކުރަން.

ފަހެ، މި އެންމެހައި ކަންކަމަކީ މުސްލިމު ޢިލްމުވެރިންގެ އިއްތިފާޤުން ޙަރާމްވެގެންވާ ކަންކަމެވެ.

ދެވަނަބައި: ނަޞްރާނީއަކަށް އޭނާގެ ދީނީ ޢީދެއްގައި ތަހުނިޔާ ކިޔައިގެން ނުވާނެއެވެ. އެހެނީ، އޭނާ އެ ޢީދުގައި އިޙްތިފާލު ކުރަނީ ކުފުރާއި ޝިރުކެވެ. އެގޮތުން ޢީސާ عليه السلام ގެ އިލާހުވަންތަކަން ފާހަގަކުރުމާއި، އެކަލޭގެފަނީ ﷲ سُبْحَانَهُ وَتَعَالَى  ގެ ދަރިކަލެއް ކަމުގައި ބުނުމާއި، ތިން ފަރާތުގެ ތެރެއިން ފަރާތެއް (ޓްރިނިޓީގެ އެއްބައި) ކަމުގައި ބުނެ އެކަން އިޙްތިފާލުކުރުން ހިމެނެއެވެ.

ހަމަކަށަވަރުން އެމީހުންގެ މި ދަޢުވާތަކާމެދު ﷲ سُبْحَانَهُ وَتَعَالَى  ވަޙީ ކުރައްވާފައި ވެއެވެ.

(تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا * أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًۭا) مريم: ٩٠ – ٩١
“އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެން ގޮސް، ބިންގަނޑު އިރައިރައިގެން ގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިޔުން ކައިރިވެގެން ވެއެވެެ. އެއީ ރަޙްމާނުވަންތަ އިލާހަށް ދަރިކަލަކު އެއުރެން ގޮވުމުގެ ސަބަބުންނެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. (لَا أَحَدَ أَصْبَرُ عَلَى أَذَى يَسْمَعُهُ مِنَ اللهِ عَزَّوَجَلَّ، إِنَّهُ يُشْرَكُ بِهِ، وَيُجْعَلُ لَهُ الْوَلَدُ، ثُمَّ هُوَ يُعَافِيهِمْ وَيَرْزُقُهُمْ) – رواه مسلم. “އެފަރާތަކަށް އަޑުއިވޭ ފުރައްސާރައިގެ މައްޗަށް ﷲ އަށްވުރެ ވޮޑަށް ކެތްތެރިވެވޮޑިގަންނަވާ އެހެން ފަރާތެއް ނުވެއެވެ. ހަމަކަށަވަރުން އެކަލާނގެއާ ޝަރީކުކުރެވެއެވެ. އަދި އެކަލާނގެއަށް ދަރިކަލަކު ވާކަމަށް ބުނެވެއެވެ. އެއާއެކުވެސް، އެކަލާނގެ އެމީހުންނަށް ޢާފިޔަތާއި ރިޒްޤު ދެއްވައެވެ.”

ޝަރުޢީ ގޮތުންނާއި ބުއްދީގެ ގޮތުންވެސް އެންމެނަށް އެނގޭ ކަމަކީ މީހަކު ބަނގުރާ ބޮއެގެން އޭނާއަށް ތަހުނިޔާ ނުކިޔާނެ ކަމެވެ. ނުވަތަ ވައްކަން ކޮށްގެން، ނުވަތަ ޒިނޭކޮށްގެން، ނުވަތަ މީސްތަކުންނަށް އަނިޔާވެރިވެގެން، ނުވަތަ މައިންބަފައިންނަށް ނުކިޔަމަންތެރިވެގެން، ނުވަތަ އެނޫންވެސް ޙަރާމް ކަމެއް ކޮށްގެން އޭނާއަށް ތަހުނިޔާ ނުކިޔާނެކަމެވެ. ފަހެ، އެކަންކަމުގެ މައްޗަށް ތަހުނިޔާކިޔުމަށްވުރެ، ﷲ ފިޔަވައި އެހެން އިލާހެއް ވާކަމަށް ބުނެ، އެކަލާނގެއަށް ދަރިކަލަކު އުފަންވެފައިވާކަމަށް ބުނެ ފާހަގަކުރެވޭ ޢީދުތަކުގައި ތަހުނީޔާކުން ހުތުރުކަމާއި ނުބައިކަން މާ ބޮޑުވެގެން ވެއެވެ.

ތިންވަނަ ބައި: މުސްލިމުންގެ ޢީދެއްގައި މުސްލިމަކަށް ކާފަރަކު ތަހުނިޔާ ކިޔައިފިނަމަ، އޭނާ ތަހުނިޔާ ކިޔާފައި އެވަނީ ޙައްޤު ޢީދެއްގައެވެ. އެހެނީ، އެއީ ޝަރުޢުވެގެންވާ ޢީދެކެވެ. އެޢީދެއްގައި ﷲ އަށް ޝުކުރު ކުރެވޭ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވޭ، އަދި އެކަލާނގެއަށް އީމާންވުން އެކުލެވޭ ޢީދެކެވެ. އެހެންކަމުން މިޢީދުގައި ކިޔޭ ތަހުނިޔާއަކީ ޙައްޤު ތަހުނިޔާއެކެވެ. ނަމަވެސް، މި ޙައްޤު ތަހުނިޔާގެ ބަދަލުގައި ކާފަރުންގެ ޢީދުތަކުގައި ބާޠިލެއްގެ މައްޗަށް އެމީހުންނަށް ތަހުނިޔާ ކިޔުމެއް ނެތެވެ. އެހެންކަމުން، އެ ބާޠިލަކީ ﷲ سُبْحَانَهُ وَتَعَالَى  ގެ ރުބޫބިއްޔަތާއި ގުޅިފައިވާ، އަދި އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންވާކަމަށް ބުނުމާއި، އެކަލާނގެއާއެކު އެހެން އިލާހެއް ޚަލްޤުތަކުންނަށް ވާކަމަށް ބުނުން އެކުލެވޭ ބާޠިލެއް ނަމަ އޭގެ ޙާލަތަކީ ކޮބައި ހެއްޔެވެ!

وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ  العالمين.

 

[1]  https://t.me/aljounaid77/2359
[2] ތަރުޖަމާ ކޮށްފައިވާ އިރު، ލިޔުމުގެ މާނައާއި މަޤްޞަދަށް ބަދަލު ނާންނާނެ ފަދައިން، ކުދިކުދި އުނިއިތުރުތަކެއް ގެނެވިފައިވާނެއެވެ. އެއީ ދިވެހި ބަހުން ލިޔުން ގެނެސްދޭއިރު މާނަ ފަހުމްވުމަށް އެހީއެއްގެ ގޮތުގައެވެ.

 

 

ގުޅުންހުރި