بسم الله الرّحمن الرّحيم، الحمد لله والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:
މި ކުޑަކުޑަ ލިޔުމަކީ، މިދުވަސްވަރު ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ބައެއް މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމުގައި އެއަޚުންނާއި އުޚްތުންނަށް މުސްލިމުންގެ ޢަޤީދާއާއި ގުޅިފައިވާ ބައެއްކަންކަން ހަނދާންކޮށްދިނުމުގެ ނިޔަތުގައި ލިޔެފައިވާ ކުރު ލިޔުމެކެވެ. މޮޅިވެފައިވާ ހިތްތަކަށް އުފާވެރިކަމެއް، އެލިފައިވާ ހިތްވަރުތަކަށް ގަދަކަމެއް، އަދި ހަދާނެ ގޮތެއް ނޭނގި ހާސްވެފައިވާ ބަޔަކަށް އިރުޝާދެއްގެ ގޮތުގައެވެ.
މުސްލިމުން ޤަބޫލުކުރަނީ: ﷲ سُبْحَانَهُ وَتَعَالَى ފިޔަވައި އެހެން ހުރިހާ ތަކެއްޗާއި، އެތަކަތީގެ ސިފަތަކާއި ޙާލަތްތަކަކީ ﷲ سُبْحَانَهُ وَتَعَالَى ޚަލްޤުކުރައްވާފައިވާ އެކަލާނގެ މަޚްލޫޤުންނެވެ. އެއީ އެކަލާނގެ މިލްކިއްޔާތުގެ ތެރެއިން ހިމެނިގެންވާ، އެކަލާނގެ ޚަލްޤުކުރައްވާފައިވާ،އެ ކަލާނގެ ތަދުބީރުކުރެއްވުމުގެ ދަށުގައިވާ ތަކެއްޗެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
(قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ) سبأ: ٢٢ “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކުކޮށް އުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޛައްރެއްގެ މިންވަރުވެސް އެއުރެންނަށް މިލްކުވެގެން ނުވެއެވެ. އަދި އެދެތާނގައި އެއުރެންނަށް ބައިވެރިވުމެއްވެސް ނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެއަކުން ނުވެއެވެ.”
ޙައްޤާއި މެދުގައި ވަނީ މިއާޔަތުގައި މިވާ 3 ގޮތުން ކުރެ އެއްގޮތެވެ. އެއްގޮތަކީ އެ ޙައްޤެއްގެ ވެރިފަރާތް ނުވަތަ ފުރިހަމަ މިލްކުވެރި ފަރާތްކަމުގައި އެފަރާތެއް ވުމެވެ. އެހެން އެއްވެސް ފަރާތެއްގެ ޙިއްސާއެއް ނޯންނަ ގޮތުގައެވެ. އަނެއް ގޮތަކީ އެޙައްޤެއްގެ މިލްކުވެރިކަމުގައި ބައިވެރިވުމެވެ. ޝެއަރ ނުވަތަ ޕާޓްނާޝިޕް އޮތުމެވެ. ތިންވަނަ ގޮތަކީ އެ ޙައްޤެއްގެ މިލްކުވެރި ފަރާތްކަމުގައި ނުވިޔަސް، ނުވަތަ އޭގައި ބައިވެރިވުމެއް ނެތަސް، އެފަރާތަކީ އެ މުދަލަކުން ނުވަތަ ޙައްޤަކުން ތަޞައްރުފް ކުރުމުގެ ބާރު (މިސާލަކަށް: ޕަވަރ އޮފް އެޓާރނީ ނުވަތަ ވަކީލުކަން) ލިބިފައިވާ ފަރާތަކަށް ވުމެވެ. އޭރުން އެވާނީ މުދަލު ނުވަތަ އެ ޙައްޤުގެ ވެރިފަރާތަށް އެއިން ތަޞައްރަފްކުރުމުގައި އެހީތެރިވާ ފަރާތެއް ކަމުގައެވެ. ފަހެ، ﷲ سُبْحَانَهُ وَتَعَالَى މިވަނީ މި 3 ގޮތްވެސް ނަފީ ކުރައްވާފައެވެ. ހުރިހާ މަޚްލޫޤުންގެ މުސްތަޤިއްލު މިލްކުވެރި ފަރާތަކީ އެކަލާނގެއެވެ. އެ ވެރިކަމާއި މިލްކުވެރިކަމާއި ތަދްބީރު ކުރުމުގައި އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. އަދި އެކަންކަމުގައ އެކަލާނގެއަށް އެހީތެރިވާ ފަރާތެއްވެސް އެމަޚްލޫޤުންގެ ތެރެއަކުން ނުވެއެވެ.
އެހެންކަމުން، ތަކެތީގެ އަގުބޮޑުވުމާއި ކުޑަވުން ރުޖޫޢަވަނީ އެކަލާނގެ އިރާދަފުޅާއި ތަދްބީރު ކުރެއްވުމަށެވެ. އެކަންކަން ޚަލްޤުކުރައްވައި ވުޖޫދުގައި ލައްވާ އެހެން ޚާލިޤަކު އެކަލާނގެ ފިޔަވައި ނުވެއެވެ. އެކަންކަން އެކަލާނގެ މިންވަރުކުރައްވަނީ އެކި ޙިކުމަތްތަކަށްޓަކައެވެ.
މުސްލިމުން ޤަބޫލުކުރަނީ: ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުން އެކި ގޮތްގޮތުން އިމްތިޙާން ކުރައްވާނެ ކަމެވެ. އޭގެ ތެރޭގައި ދަނޑުގޮވާމާއި މުދަލަށް އަންނަ އުނިކަން ހިމެނެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ -ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۭ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ – أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌۭ مِّن رَّبِّهِمْ وَرَحْمَةٌۭ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ) البقرة: ١٥٥ – ١٥٧ “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون އެބަހީ: ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލަކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔަކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރި ރައްބުގެ ޙަޟްރަތުން ޞަލަވާތާއި ރަޙުމަތް އެބައެއްގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ.”
މުސްލިމުން ޤަބޫލުކުރަނީ: ވަރަށް ގިނަފަހަރު ތަކެތީގެ އަގުބޮޑުވުމާއި، އަދި އެނޫންވެސް މުޞީބާތްތަކުގެ ފަހަތުގައިވަނީ އިންސާނުން ކުރާ ފާފަތަކެވެ. ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޒިނޭ ކުރުމާއި، ލިވާޠު ކުރުމާއި، ވައްކަންކުރުން ފަދަ ފާފަތަކެވެ. ﷲ سُبْحَانَهُ وَتَعَالَى ވަޙީ ކުރައްވާފައި ވެއެވެ. (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَﱠ) الروم: ٤١ “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންްނަށް ދެއްކެވުމަށެވެ. އެއީ އެއުރެން ތައުބާވެ ރުޖޫޢަވުމަށްޓަކައެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ) الشورى: ٣٠ “ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަ ފާފަތައް ޢަފޫކުރައްވަތެވެ.”
މުސްލިމުން ޤަބޫލުކުރަނީ: ތައުބާވެ އިސްތިޣްފާރުކޮށް ކުށްކުރުމާއި ފާފަތަކުން ދުރުހެލިވެ، ﷲ އަށް ތަޤުވާވެރިވުމަކީ ތަކެތީގެ އަގުބޮޑުވުމާއި، އެފަދަ އެނޫންވެސް މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެއް ކަމުގައެވެ. ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَا) لأعراف: ٩٦ “ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރި ވީނަމަ، ހަމަކަށަވަރުން، އުޑުންނާއި ބިމުން، ތިމަންއިލާހު އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެންކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހުގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ) النحل: ١١٢ “އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާއަކުން ތަނަވަސްވެގެންވާ ގޮތުގައި އެރަށަށް ރިޒްްޤު އާދެތެވެ. ދެން ﷲ ގެ ނިޢުމަތްތަކަށް އެރަށުގެ މީހުން ކާފިރުވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ.” މިއާޔަތުގައިވަނީ މައިގަނޑު 2 ކަމެކެވެ. އެއީ އެހެން ހުރިހާ މަޞްލަޙަތުތަކާއި ހަމަޖެހުން އެ 2 ކަމެއްގެ ސަބަބުން ގެއްލިގެންދާނެ 2 ކަމެވެ. ބަނޑުހައިހޫނު ކަމާއި، ބިރުވެރިކަމެވެ.
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًۭا – يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا – وَيُمْدِدْكُم بِأَمْوَٰلٍۢ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍۢ وَيَجْعَل لَّكُمْ أَنْهَـٰرًۭا) نوح: ١٠ – ١٢ “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި ދަރިންގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު (އެހީ) ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.” މިއާޔަތުން ދޭހަވާފަދައިން، އެކަލާނގެއަށް ތައުބާވެ އިސްތިޣްފާރު ކުރުމަކީ މުޞީބާތްތައް ފިލައިގޮސް، ތަނަވަސްކަން ލިބުމަށްވާ ސަބަބެކެވެ.
މުސްލިމުން ޤަބޫލުކުރަނީ: މިފަދަ ދަނޑިވަޅުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައި ވެއެވެ. “مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ الله عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ القِيَامَةِ, وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ الله عَلَيْهِ فِي الدُّنْيَا وَالآخِرَةِ, وَمَنْ سَتَرَ مُسْلِمًا سَتَرَهُ الله فِي الدُّنْيَا وَالآخِرَةِ, وَالله فِي عَوْنِ العَبْدِ مَا كَانَ العَبْدُ فِي عَوْنِ أَخِيهِ”. މާނައީ: “މުއުމިނެއްގެ ކިބައިން ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ދުރުކޮށްދީފި މީހަކު (ދަންނާށެވެ!) ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ އެމީހެއްގެ ކިބައިން ދުރުކޮށްދެއްވާ ހުއްޓެވެ. އަދި (ދަރަނި އަދާކުރުމަށް) އުނދަގޫ ވެފައިވާ މީހެއްގެ މައްޗަށް (އެދައްކައިދިނުމަށް އެހީތެރިވެދީގެން، ނުވަތަ ދަރަނި ދިން މީހާނަމަ އެއިން އެއްބައި ނުވަތަ މުޅި ދަރަނި މާފުކޮށްދީގެން) ފަސޭހަކޮށްދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު (ޙިއްސީ ގޮތުންނާއި މަޢުނަވީގޮތުން) ނިވާކޮށް ފޮރުވައިދީފި މީހާ (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހަކު ނިވާކޮށް ފޮރުވައިދެއްވާ ހުއްޓެވެ. އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ދެމިހުރިހާ ހިނދަކު، ﷲ ވަނީ އޭނާއަށް އެހީތެރިވެވޮޑިގެންނެވުމުގައެވެ.” رواه مسلم.
އަދިވެސް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައި ވެއެވެ. “الرَّاحِمُونَ يَرْحَمُهُمْ الرَّحْمَنُ, ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ” “(އެހެން މީހުންނަށް) ރަޙުމްކުރާ މީހުންނަށް ރަޙްމާނުވަންތަ އިލާހު ރަޙުމްކުރައްވާ ހުއްޓެވެ. ތިޔަބައިމީހުން ބިމުގައިވާ ފަރާތްތަކަށް ރަޙުމްކުރާށެވެ! އޭރުން އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމްކުރައްވާހުއްޓެވެ.” رواه التّرمذي وصحّحه الألباني
މުސްލިމުން ޤަބޫލުކުރަނީ: މުދާތައް ކިތަންމެ އަގުބޮޑުވިޔަސް، ނުވަތަ ކިތަންމެ އަގު ހެޔޮވިޔަސް، ކޮންމެ ނަފްސެއްވެސް ދުނިޔެއިން ނިމިގެންދާނީ އެއަށް ކަނޑައެޅިފައިވާ ރިޒްޤު ލިބުމަށްފަހުގައެވެ.
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވާފައި ވެއެވެ. هذا رسولُ ربِّ العالمينَ؛ جبريلُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – نفَثَ في رُوعي: أنَّه لا تموتُ نفسٌ حتَّى تَسْتَكْمِلَ رزْقها وإنْ أَبْطَأ عليها، فاتَّقوا الله؛ وأجْمِلوا في الطلب، ولا يَحْمِلنّكُمُ اسْتِبْطاءُ الرزْقِ أنْ تأخُذوه بِمْعصِيَةِ الله، فإنَّ الله لا يُنالُ ما عندَه إلا بِطاعَتِه މާނައީ: “މިހުންނެވީ ޢާލަމްތަކުގެ ވެރި ރައްބުގެ ރަސޫލާ (ވަޙީގެ މަލާއިކަތާ) ޖިބްރީލް – صَلَّى اللهُ عَلَيْهِ وَسَلَّمَ – އެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނުގެ ހިތްޕުޅަށް، ހަމަކަށަވަރުން އެއްވެސް ނަފްސެއްގެ ރިޒްޤު ފުރިހަމަޔަށް އެނަފްސަކަށް -ލަހުން ނަމަވެސް- ލިބުމަށްފަހުގައި ނޫނީ އެ ނަފްސެއް މަރު ނުވާނެ ކަމުގައި (ވަޙީގެ ގޮތުގައި) ފުމެލެއްވިއެވެ. އެހެންވީމާ ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ރިޒްޤު ހޯދުމުގައި ރިވެތި ގޮތަށް ޢަމަލުކުރާށެވެ! އަދި ރިޒްޤު ލިބުން ލަސްވެގެން ﷲ އަށް އުރެދުން ހިމެނޭ ގޮތުގައި އެ ހޯދަން ނޫޅޭށެވެ! އެހެނީ ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައިވާ އެއްޗެއް، އެކަލާނގެއަށް ކިޔަމަންތެރިވެގެން ނޫނީ ނުލިބޭނެއެވެ.” رواه البزّار وصحّحه الألباني في صحيح التّرغيب والتّرهيب.
މުސްލިމް އަޚާއެވެ! މުސްލިމް އުޚްތާއެވެ! ކެތްތެރިކަމާއެކު، ވަކީލުކުރުމާއެކު، ޙަލާލުގޮތުގައި ރިޒްޤު ހޯދާށެވެ! ކުށްތަކާއި ފާފަތަކުން ތައުބާވާށެވެ! ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ! އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ! މިސްކީނުންނާއި ފަޤީރުންގެ މަތިން ހަނދާން ނައްތައި ނުލާށެވެ! ރިޒްޤު ނުލިބޭނެކަމަށް ބިރު ނުގަންނާށެވެ! އުޑުގައި އުދުހޭ ދޫނީގެ ރިޒްޤުކަމުގައި ކަނޑު އަޑީގައިވާ މަސް ލެއްވި އިލާހު، ކޮންމެ މީހަކަށް ރިޒްޤު ދެއްވުމަށްވެސް ކުޅަދުންވަންތަ ވޮޑިގެން ވެއެވެ.
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين