ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ބަލީގެ އިތުރު ކޭސްއެއް ފެނިއްޖެއެވެ.
މި މަހުގެ ތެރޭގައި ގއ.ވިލިނގިލިން 3 ކުއްޖަކު ވަނީ މި ބައްޔަށް ޕޮސިޓިވްވެފައެވެ.
އެ ކޭސްތަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ
އައިޖީއެމްއެޗާައި ގއ.އަތޮޅު ހޮސްޕިޓަލު ގުޅިގެން ޕޮސިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދައި,
ޕޮސިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ ފަރާތްތަކަށްއެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓްކޮށް ބޭސްދީފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިއަދު ބުނީ މި ބަލީގެ އިތުރު ކޭސްއެއް ވިލިނގިިލިން އިއްޔެ ފެނިފައިވާ ކަމަށެވެ.