ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން ގެންދާ ޕެނަޑޯލާއި ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިވަގުތަށް ހުއްޓައިލުމަށް އެ އޮތޯރިޓީން މިއަދު އަންގައިފިއެވެ.
އެ އޮތޯރިޓީގެ ފަރާތުން މައުލޫމާތު ލިބިފައވާ ގޮތުގައި ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި ‘ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން’ ހަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަކަމަށެވެ.
މިގޮތައް ބެލި ބެލުމުގައި، މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ އާންމު ގޮތެއްގައި އެ ފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުނީ ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ. އެހެންކަމުން، މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް މަށާއި، އަދި މިހާރު މި ބޭސް ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.