ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެ، ހ. ތިމާވެށިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހ. ތިމާވެށިގޭގެ ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރާއި 38 އަހަރުގެ 02 ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށްފައިވާ 02 މީހުނަންކީވެސް ކުށުގެ ރެކޯރޑް އޮންނަ ދެމީހުން ކަމަށާއި މީގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި 38 މީހާ ހައްޔަރު ކުރީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ ގެއިން ވަގަށް ނެގި ބައެއް ތަކެތި މިހާރު ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި ފެނުނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.