ފުވައްމުލަކު ސިޓީއިން ޝެޑިއުލްކޮށްގެން ކަރަންޓު ކަނޑަމުން ދާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަން ހައްލު ވެފައި ނުވަނީ، ފެނަކައިގެ އިހުމާލުން ކަމަށް ބުނެ އެ ކުންފުނީގެ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބަލައި ދިނުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
މިދިޔަ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ބޭނުން ކުރާ ހަތް ޖަނަރޭޓަރުގެ ތެރެއިން ސެޓެއް ވަނީ ހަލާކުވެފައިއެވެ. އެއާއި އެކު ބާކީ ހުރި ޖަނަރޭޓަރު ތަކަށް ނުތަކައިގެން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ފެށީ މި މަހުގެ 11 އިން ފެށިގެންނެވެ.
އެ މައްސަލަތައް ކުރިމަތިވެފައިވަނިކޮށް އެ ރަށު އިންޖީނުގޭގައި ހުރި 800 ކިލޯވޮޓުގެ ޓްރާންސްފޯމަރަކަށް ގެއްލުންވުމުގެ ސަބަބުން ރަށުގެ ދެ އަވަށަކުން ކަރަންޓު ކެނޑިފައިވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްހަމަ ނުޖެހުންވަނީ ދައްދުވެފައިއެވެ. އަދި އެ ސިޓީގައި އިއްޔެ މުޒާހަރާ ވެސް ކޮށްފައިވެ އެވެ. މިއަދު ވެސް އެ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އެ ސިޓީގެ ރައްޔިތުން މައުލޫމާތު ދީފައިވެ އެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅުމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ އެކި ހިސާބުތަކުން ކަރަންޓު ކެނޑެން ފެށުމުގެ ކުރިން ވެސް ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ ކަން އެނގި ތިބެ ފެނަކައިގެ ބެލުމުގެ ދަށުގައި ޖެނެރޭޓަރު ސެޓު ހުރެ, އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކޮށްފައި ނުވާއިރު އެކަމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ޓްރާންސްފޯމަރު ހަލާކުވުމުން ކުރިމަތިވި މައްސަލަތައް ހައްލުކުރަން އައްޑޫއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން މިހާރު ވަނީ ފަށާފަ އެވެ.