ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް “އަސުރުމާ 3” ނަމަކަށް ކިޔާ ދޯންޏަށް އަރައި އިންޑިއާ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތާލާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮއްވައި އިންޑިއާގެ ކޯސްޓުގާޑުން އެ ދޯންޏަށް އަރައި އިއްޔެ މެންދުރު ފަހު ސުވާލު ކޮށްފައިވެއެވެ. ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރު ވަނީ ދޯނި އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.
ދޯންޏަށް އަރައި އިންޑިއާ ސިފައިން ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އިންޑިއާ ސިފައިން ވަނީ އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް ފޮހެލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި ކަމަށާއި އެ މީހުން އުޅުނީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށެވެ. އެއީ “އަސުރުމާ 3” އާއި “ނެރު 7” އަދި “މާހޯރަ 3” ކަމަށް ޔޫނިއަންއިން ބުނެފައިވެއެވެ.
ޔޫނިއަންގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތް ކިޔައިދިން ގޮތުގައި އިންޑިއާގެ ކޯސްޓްގާޑުން ފުރަތަމަ ދޯނި ކައިރިއަށް ފޮނުވީ ޑްރޯނެކެވެ. އޭރު އިންޑިއާ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއާގެ ސިފައިންގެ ހަ މީހަކު ދޯންޏަށް އަރައި ބިރު ދެއްކިއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ ހާދިސާ ހިނގުމާ އެކު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑެއް ފުރުވައިލި އެވެ. އެކަމަކު، ރާއްޖޭގެ ކޯސްޓްގާޑް އެ ހިސާބަށް ފޯރީ ރޭ ވަރަށް ލަސްވި ފަހުންނެވެ.