ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވަ މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމުން، ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގާނެ ކަމަށެވެ.
އޭގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފުތައް ކުޑަކުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން ވަނީ އެކުލަވާލާފައިކަމަށެވެ.