“ގެދޮރުވެރިޔާ” ސްކީމް އަދި “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ދިނުމުގައި “މެޑަމް ލިސްޓެއް” މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
“ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ރައްޔިތަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ގޯއްޗާއި ފްލެޓު ދިނުމުގައި “މެޑަމް” ލިސްޓެއް ގެންގުޅުއްވާ ކަމަށް “ގޮތް ނޭނގޭ” މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށާއި އެ ވާހަކަތައް އޭނާ ގަބޫލު ނުކުރި ނަމަވެސް ރައީސްގެ ފަރާތުން އެ މެސެޖް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ. އެމީހާ އެ އިޝާރާތް ކުރީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށެވެ..
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އެހެން ކަހަލަ ހައްގަކަށް ވިޔަސް، މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ރައީސް ވަނީ އެ ވާހަކަތަކަކީ ސަރުކާރާ މެދުގައި ދޮގު، ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ދޫކުރުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށާއި ގޯތި ރަޖިސްޓްރީ އާއި ލިޔުން މިހާރު ވެސް ދޫކުރަމުން ގެންދާ ކަމަށް ރައީސް މިދިޔަ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.