އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ލަށް އިމާރާތްކުރާ މިސްކިތްތަކުގެ އަސާސީކަމެއްގެ ގޮތުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަަބަބުން މިސްކިތްތައް އޭސީ ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކުރިން ހަމަޖައްސާފައިވާ ބަޖެޓަށް ވުރެ ބޮޑު ބަޖެޓެއް މި ސަރުކާރުން ވަނީ މިސްކިތްތައް ރީތި ކޮށް ބެހެއްޓުމަށާއި މަރާމާތު ކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން 15 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ހަމަޖައްސާފައެވެ.
މިހާރުވެސް ހުޅުމާލޭގައި އަމިއްލަ ދެ ފަރާތަކުން ހިލޭ ދެ މިސްކިތް އެޅުމަށް އެއްބަސްވެފައިވާއިރު އެއީ 2000 ނުވަތަ 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.