-Advertisement-

-Advertisement-

‎މާލޭ އޭރިޔާގެ ކުލި ވަނީ ހައްތާ ބޮޑު

މާލެއަކީ ރާއްޖޭގެ މައި ސިޓީ އެވެ. ތައުލީމީ ގިނަ ފުރުސަތު ތަކާއި ވަޒީފާގެ ގިނަ ފުރުސަތުވެސް ފަހިވެފައި އޮތީ މާލޭގައި އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްމާލެއަށް ބަރޯސާވެ، އުޅެން ޖެހުނު ކޮންމެ ހާލެއްގައި ވެސް މާލޭގައި އުޅެނީ މިސަބަބަށް ޓަކައި އެވެ.

މާލޭގައި ކުއްޔަށް އުޅޭ ނިކަމެތި މީހުން އުއްމީދު ކޮށްގެން ތިބީ ހިޔާ ފްލެޓް ތަށް ގިނަ ބަޔަކަށް ލިބުމުން މާލޭގެ އެޕާރޓްމަންޓް ތަކުގެ ކުލިން ތަންފުކެއްނަމަވެސް ކުޑަވާނެ ކަމަށެވެ. ހިޔާ ފްލެޓާއި އެމްޕީއެލް ފްލެޓާއި ސްޓެލްކޯ ފްލެޓްގެ އިތުރުން އެމްއެފްއެލްސީ ފްލެޓްތައްވެސް މީހާރު އެބަ ހުއްޓެވެ. ނަމަވެސްކަން ވެގެން ދިޔައީ ހީކުރި ގޮތާއި ހިލާފަށެވެ. ގިނަ ބަޔަކު ފްލެޓްވެސް ހެދުމަށް ފަހު ބޮޑު ކުއްޔަށް ދެނީއެވެ. ނަމަވެސް މިއީ އުޅޭނޭ ތަނެއް ނެތިގެންފޯމުލައިގެން ލިބުނު ފްލެޓެއް ނޫން ހެއްޔެވެ؟  މިދައްކަނީ އަހަރެމެންނަށް ހިލޭ އުޅެން ފްލެޓް ދޭ ވާހަކައެއް ނޫނެވެ. މިދައްކަނީ ތަނަށް އެކަށީގެންވާ އަގެއްގައިކުއްޔަށްދޭ ވާހަކަ އެވެ.

އެންމެ ފުރަތަމަ 1 ކޮޓަރީގެ އެޕާރޓްމަންޓްގެ އަގުތަކަށް ބަލާލަމާ ހިނގާށެވެ. އާންމު ގޮތެއްގައި 1 ކޮޓަރީގެ އެޕާރޓްމަންޓް ހުންނަނީ 12،000-15،000 ދެމެދުގެ އަގަކަށެވެ. ކިރިޔާވެސް ތަން ބަލާލަން ކެރިފައި ލިފްޓެއް ހުރި ނަމަ 15،000 ދަށުގައި ގިނަ ފަހަރު ނުލިބެއެވެ. ދެން 02 ކޮޓަރީގެއެޕާރޓްމަންޓްތަކަށް ބާލާއިރު އާންމުކޮށް ހުންނަނީ 15،000-20،000 ގެ ތަންތަނެވެ. އަދި ބެލްކަނިކޮޅެއް އިންގެޔެއް ވެއްޖެޔާ އަގު އިތުރުވެއެވެ.

ލިފްޓެއް ހުރިއްޔާ ދެން ނުކިޔާށެވެ. އަގެއް އަތަކު ނުޖެހޭނެއެވެ. ނަމަވެސް ސިޑިން އަރާ ބައެއް ތަންތަން ރަނގަޅު އަގުތަކުގައި ބައެއް ފަހަރު ލިބެއެވެ.

އެއީވެސް ކުއްޔާދޭ ފަރާތަށް އެތަން ބޮޑުއަގުގައި ނުނަގާނެ ކަން ޔަގީންވާތީ ކުޑަ ކުރާ ކުރުމެކެވެ. 03 ކޮޓަރީގެ އެޕާރޓްމަންޓްތައް އާންމު ގޮތެއްގައި ހުންނަނީ25،000-28،000 ދެމެދު އެވެ. ބޮޑު އާއިލާއެއްގައި އެންމެން ލާރި ދީގެން އުޅޭ ނަމަ މިއަގު ގޯހެއް ނޫނެވެ. ނަމަވެސް 01 ކޮޓަރީގެ އެޕާރޓްމަންޓު ތަކުގައިގިނަ ފަހަރަށް އުޅޭނީ ދެމަފިރިންނެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން ނޫނީ މިހާރު މާލޭގައި އުޅުމަކީ ދަތި ކަމެކެވެ. އެހާވެސް ކުލި ބޮޑެވެ. އަދި ތަކެތީގެ އަގު ގެވާހަކަ ދެއްކުމަށް ވުރެއް ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

ވިލިމާލޭގައި އަގު ހެޔޮ ނަމަވެސް ދަތުރުކޮށްފައި ދިޔުމަކީ ވޭނެއް ކަމުން ގިނަ މީހުން އުޅެން ބޭނުންވަނީ މާލެ ނުވަތަ ހުޅުމާލޭގައިއެވެ.

މިކަމުގެ ސަބަބުން މުޖުތަމުގެ ތެރޭގައި އުޅޭ ބައެއް މީހުންނަށް ޖިންސީ ފުރައްސާރަ އާއި ނަފްސާނީ ގޮތުން ބަލި ކަށިވުން ކަހަލަ ކަން ކަން ދިމާވެއެވެ. މިސާލަކަށް ބުނަނީ ނަމަ 2 ކޮޓަރީގެ އެޕާރޓްމަންޓެއްގައި ބޮޑު އާއިލާއެއް އުޅެމުންދާއިރު އެއްވެސް މީހަކަށް އެމީހަކު ބޭނުންވާ ޕްރައިވަސީއެއް ނުލިބޭނެ އެވެ. މިކަން ހައްލު ކުރަން ވަކިން ތަނަކަށް ބަދަލު ވެއްޖެ ނަމަ ކުލި ދައްކާފައި އަތުގައި އެއްޗެއް ނޯވެއެވެ. ދެން މީހާ މާޔޫންވެ މިކަމުގެ ސަބަބުން ވިސްނާނަފްސާނީ ވާ ހިސާބަށް ދެއެވެ. ބައެއް މީހުން ދެން ތިމަންނާ އަކަށް ނުވާނެ އޭ ކިޔާ ރަށަށް ވެސް ބަދަލުވެއެވެ.

ކުލި ބޮޑު ވުމަކީ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހުމަށްވެސް މަގުފަހިވާ ކަމެކެވެ. އަލަތު ކައިވެންޔެއް ކޮށް އާއިލާ އާއި އެކު އުޅޭ ނަމަ މައްސަލަ ނުޖެހޭނޭއެއްވެސް ގޮތެއް ނޯންނާނެވެ. ކައިވެނި ކޮށްގެން އުޅޭ އިރު މައްސަލަ ވެސް ޖެހޭނެއެވެ. ނަމަވެސް މި މައްސަލަތައް ދެގުނަ ވެގެން ދަނީ އާއިލާ އެކުދަތިހާލުގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.

މާލޭގައި ކުލި ދައްކައިގެން އުޅެން ޖެހިފައިވާ މީހުނަށް ލިބޭ ކުޑަ މުސާރައިން ކުލި ދެއްކުމަށް ފަހު ގިނައީ ކިރިޔާ އަންގަ އާއި އަތާއި ދިމާވާމީހުންނެވެ. މިހާލުގައިވެސް އުޅެން ޖެހިފައި މިވަނީ އަމިއްލަ ރަށުގައި ތަރައްގީ ނެތީމައި އެވެ. ވަޒީފާ ނެތީ މައެވެ. އެންމެ ޒަރޫރީ ސިއްހީ ވަސީލަތްތައް ނެތީތީއެވެ. މުސްކުޅިން ބުނެއުޅުނީ ރަގަނޅު ވާހަކަ އެވެ. އިންސާނާގެ ހިތެއް ނުފުރޭނެއެވެ. ލިބޭ ވަރަކަށް ބޭނުންތައް ގިނަވާނެއެވެ.

އުންމީދަކީ މިހާރު ދޫކުރަން އުޅޭ ފްލެޓް ތަކަށް މީހުނަށް ދެވުމުން ކޮންމެސް ވަރެއްގެ ލުޔެއް ކުއްލީގެ އަގަށް ލިބޭނެ ކަމަށެވެ. އުއްމީދު މި ކުރަނީ ހަގީގަތުގައިއުއްމީދެއް އޮވެގެން ނޫނެވެ. ދިރުމެއް ވަންޔާ އުއްމީދެއް ވާތީ އެ އުސޫލުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-