-Advertisement-

-Advertisement-

އެފްކޮންސްއިން ޖޫރިމަނާގެ 69.4 މިލިއަން ނުދެއްކުމުން އީޕީއޭއިން ކޯޓަށް މައްސަލަ ހުށަހަޅައިފި

އެފްކޮންސްގެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި /ފޮޓޯ: މިހާރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ ކުންފުނިން ދައްކަންޖެހޭ 69.4 މިލިއަން ރުފިޔާ ނުދެއްކުމުން އެކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު 16، 2022ގަ އެވެ. ޖޫރިމަނާ ދެއްކުމަށް ދީފައިވާ މުއްދަތަކީ 30 ދުވަސް ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔުމުން އީޕީއޭއިން ވަނީ ނޮވެމްބަރު 15، 2023 އަށް މުއްދަތު އިތުރުވެސް ކޮށްދީފައެވެ. ނަމަވެސް އެ ރުފިޔާ އެފްކޮންސް އިން ދައްކާފައެއް ނުވެއެވެ.

އެ މައްސަލަ އެފްކޮންސްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ލުއިދީފައި ނުވާއިރު، އެފްކޮންސް އިން ވަނީ ޖޫރިމަނާގެ އަމުރު ބާތިލުކޮށް ދިނުމަށް ސިވިލްކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް ސިވިލް ކޯޓުން ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދީފައި ނުވެއެވެ.

އެފްކޮންސް އިން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، މައްސަލަ ހުށަހަޅާފައި އޮތީ ޖޫރިމަނާކުރި އަދަދަކީ ލިބުނު ގެއްލުމަށް ވުރެ ބޮޑު އަދަދެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާތީ ކަމަށް ބުނެއެވެ. އަދި އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ އިހުމާލަކާ ނުލައި، އެ ކުންފުންޏަށް ބާރު ނުފޯރުވޭ ފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށްވެސް ވަނީ ބުނެފައެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމު 12 ދުވަސް ވަންދެން ފަރުމަތީ އޮތުމުގެ ސަބަބުން ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިކަމާ ގުޅިގެން އެފްކޮންސް އިން ވަނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-