ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ހެދުމުގައި އާ އުސޫލެއް ހަދައިފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އުސޫލު ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ.
ބިދޭސީން މެޑިކަލް ހެދުމުގެ އުސޫލަށް ބަދަލު ގެނައީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި ފެތުރުނަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ އަދި އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުމެވެ.
އެގޮތުން އުސޫލަށް ގެނައި ބަދަލުތަކަކީ:
- ވޯކް ވިސާގެ އިތުރުން ޑިޕެންޑެންޓް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ އަދި މެރިޖް ވިސާ ހަދައި ފުރަތަމަ އަންނައިރު އާއި އަހަރަކު އެއް ފަހަރު ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލް ހަދަން ޖެހުން.
- މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިސާގައި ތިބޭ މިހުން ވިސާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަން ޖެހުން
- މެރިޖް ވިސާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހުން
- ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން (މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހު) އެވެ.
ބިދޭސީންގެ މެޑިކަލް އުސޫލަށް ބަދަލު ގެނައީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާ ބިދޭސީ މަސައްކަތްތެރިންގެ ގައިން ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގައި ސަރުކާރުން ބުނީ އެކަން އެގޮތަށް ދިމާވީ މެޑިކަލް ހެއްދުމުގައި ދިން ލުއިތަކާ ގުޅިގެން ކަމަށެވެ.