ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ދޭ ހަނޑުލާ ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭ އިއުލާނެއްގައި ބުނެފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށެވެ. ނަމަވެސް ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފައެވެ. އެއީ ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހާއްސަ ޕޯޓަލެއް ހަދާތީކަމަށް ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ ދެމެދު އެއްބަސްވެފައިވާ ކަމަށެވެ.
މިއީ ރޯދަމަހާ ދިމާކޮށް ހަނޑުލާއި ފުށް ބަހާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިގެ އިތުރުންވެސް ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.