ކުރިއަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމާފައިވާއިރު ރަޖިސްޓަރީނުވެ، އެތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ދޭ ހަނޑު ބަސްތާ އާއި ފުށް ބަސްތާ ބޭނުންވާ މީހުން ރަޖިސްޓްރީވާން ޖެހިދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މާލޭ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާ އިއުލާނެއް ކުރި ނަމަވެސް އެއިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އިއުލާން ބާތިލްކުރީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހަދަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕޯޓަލް މެދުވެރިކޮށްރަޖިސްޓްރީވުމަށް ހުޅުވާލެވޭނެ ކަމަށެވެ.