މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރު ކުރަން ކަމަށް ސްކޭމަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ދާން ބޭނުންވާ ނަމަ ޖާގަ ކަށަވަރު ކުރަން އެދި ބައެއް މީހުންނަށް މިހާރު ބަޔަކު ގުޅަމުންދާ ކަމަށާއި، އެމީހުން ބުނަނީ އަމިއްލަ އެކައުންޓުތަކަކަށް ފައިސާ ޖަމާ ކުރަން ކަމަށެވެ.
“މި ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށް. އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން،” އެ ކޯޕަރޭޝަނުން ބުންޏެވެ.
އެކި ސްކޭމްތައް ހިންގައިގެން ފައިސާ ޓެކުން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފުލުހުން ބުނީ 2021 ވަނަ އަހަރުން ފެށިގެން 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމްތައް ހިންގައިގެން ނަގާފައިވާ ކަމަށެވެ.