ރައްޔިތުންގެ މަޖިލީސް ހިންގަންވީ ގޮތް އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ވެސް ލިބިގެންނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވާފައިވާއިރު އެ އަމުރާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން، އެ މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް ވަނީ އެއް ގަޑިއިރުގެ ފުރުސަތެއް ހުޅުވާލައިފައެވެ.
މެންބަރުންނަށް ފުރުސަތު ހުޅުވައިލުމަށް ފަހު، އެ މަނިކުފާނު ވިދާޅުވީ މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެއީ، ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޯޓު އަމުރަށް އިހުތިރާމުކުރުމުގެ ގޮތުން މެންބަރުން ގޮތެއް ކަނޑައަޅުއްވަންދެން މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބައްލަވާނެ ކަމަށާއި މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ވެސް ސުޕްރީމް ކޯޓުގެ އަމުރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުކަމުގައި ދެމިނެތް މެންބަރުންގެ އަދަދު ނުގުނާގޮތަށް ގަވާއިދަށް އިސްލާހު ގެންނަން ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީންނެވެ. އެކަމަކު، އެ އިސްލާހާ އެކު ހަމައެކަނި އިދިކޮޅު މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭނެއެވެ.
އިދިކޮޅު މެންބަރުން ރައީސް ވަކިކުރަން ސޮއިހަމަކުރުމާ އެކު، ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން ހުއްޓައިލަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ބަންޑާރަނައިބުގެ އޮފީހުންނެވެ.