ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވާން ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުމަކީ ހަފްތާ 14 މަގުޗާޓުގައި ހިމަނާފައިވާ ކަމެކެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްއިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައިއެވެ.
މި ދަފްތަރުގެ ބޭނުމަކީ ޓެކްސީ ޑްރައިވަރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ފަސޭހަކޮށްދިނުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު، މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މަލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށްދިނުމާއި އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން މުއާމަލާތްކުރުން ފަސޭހަކޮށްދިނުން ހިމެނޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.