ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުގައި މަކަރުހެދި ކަމަށް ބުނެ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.
އިމްރާން ވެރިކަމުން ދުރުކޮށް ޖަލަށް ލައި އަދި އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ނަމުގައި އިންތިހާބުގައި ވާދަކުރުން މަނާކުރުމުން އެ ޕާޓީގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުކުމެ އިންތިހާބުގައި ބައިވެރިވެ ވަނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް، އަމިއްލަ ކެންޑިޑޭޓުންނަށް ސަރުކާރު އެކުލަވާލުމުގެ ގާނޫނީ ބާރެއް ނޯންނާނާތީ އެ މެންބަރުންނަށް ޖެހިފައިވަނީ އަސްކަރިއްޔާއިން ތާއީދުކުރާ ކަމުގެ ތުހުމަތު އޮތް ދެ ޕާޓީއާ އެކު މަސައްކަތްކުރާށެވެ.
އިންތިހާބުގެ ކުރިން ހިނގި އެކި ކަންކަމާއި ވޯޓަށް ފަހު ނަތީޖާ ލަސްވުން ފަދަ ކަންކަމާ ހެދި އިންތިހާބުގެ އިންސާފުވެރިކަމާ އެކު އެކި ފަރާތްތަކުން ޝައްކު އުފައްދަމުން ދާއިރު ޕީޓީއައި އިން މި ޝަކުވާއާ އެކު މުޒާހަރާއަށް އެއްވީ އިލެކްޝަންސް ކޮމިޝަންގެ ކައިރިއަށެވެ. ވެރިރަށް ލާހޯރާއި ރާވަލްޕިންޑީ އާއި އެކި ހިސާބުތަކުގައި އިއްޔެ މުޒާހަރާ ފަށާފައި ވާއިރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގި އެވެ.
މުޒާހަރާއަށް ގޮވާލުމާ އެކު ފުލުހުން ބުނެފައިވަނީ މިއީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެހެންވެ މުޒާހަރާ ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.