ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ހިފަހައްޓައި އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މާޔަން ހުޅުމާލޭގައި އިއްޔެ ދުވަން އުޅެނިކޮށް ފަށް ފޭރިގަތީ ހެލްމެޓް އަލައިގެން ސައިކަލެއްގައި ގިޔަ ދެ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން “ކްލޭ ސްޓޫޑިއޯ” ހުންނަ މަގަށް އެޅި ވަގުތެވެ.
އެ މައްސަލާގައި ފުލުހުން މިއަދު ބުނީ އެކަން ކުރި ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްކަމަށެވެ.
ފޭރިގަތް ފަށް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.