-Advertisement-

-Advertisement-

އެމްއާރުއެމް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އެ އަދަދަށް މީހުން ހަމަކުރުމަށް އެ ޕާޓީއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 22ގައި ތިން މަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައެވެ.

އެ ނިންމުމާ ގުޅިގެން އެމްއާރުއެމުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ފުރަތަމަ ނެރުނީ ވަގުތީ އަމުރެއް ނެރިފައިވާއިރު، މިވަގުތީ އަމުރު ނެރިފައިވަނީ 2023 މެއި 28 ގައި އެވެ. އެ އަމުރުގައި ވަނީ ޕާޓީ އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައިފައެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު އެ ހުކުމުގައިވަނީ، އެމްއާރުއެމަށް ދީފައިވާ ނޯޓިސް ދިނީ އެ ނޯޓިހުގެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށާއި، 22 ފެބްރުއަރީގައި ނޯޓިސް ދިން އިރު ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނިއިރު، ޕްރޮސެސް ނުކުރެވޭ ފޯމްތަކެއް ހުރިކަން އެ ނޯޓިހުން އެނގެން ނެތް ކަމަށް ހުކުމުގައިވެއެވެ.

ހަމައެއާއެކު ބައެއް ފޯމްތައް ޕްރޮސެސްކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭކަން، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށާއި

މިދިހަ އަހަރުގެ ފެބްރުއަރީ މަހުގެ 22ގައި އީސީން އެމްއާރުއެމްއަށް ދިން ނޯޓިސްގެ މައްޗަށް ބިނާކޮށް އެހާތަނަށް އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަކީ 2981 ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވަނީ، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަން ކުރެވުމަކީ އެމީހަކަށް ލިބިގެންވާ ދުސްތޫރީ ހައްގެއް ކަމުން ސިވިލް ކޯޓުން ވަނީ އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެމްއާރުއެމް އުވާލުމަށާއި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި މިދިޔަ މެއި މަހުގެ 25ގައި އެ ޕާޓީއަށް އެންގި އެންގުމަކީ އަމަލު ނުކުރެވޭނެ އެންގުމެއް ކަމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމަށް ދެއްކުމުގެ ގޮތުން، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ކޯޓުން އީސީގެ މައްޗަށް އަމުރުކުރިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-