މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 3.60 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 5.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެފިއެވެ.
އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖެނެރަލް ޖީއެސްޓީ އާއި ބޭންކް ޕްރޮފިޓް ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ. އަދި ކޮމާޝަލް ބޭންކުތަކުން މިމަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފައިކަމަށްވެސް މީރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މީރާއިން ބުނީ މިދިޔަ އަހަރުގެ ޖަނަވަރީގެ އާމްދަނީއަށް ބިނާކޮށް ޖީޖީއެސްޓީގެ އައު ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކަމަށެވެ. އެހެންކަމުން މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީޖީއެސްޓީ ބަލައިގަނެފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަން މީރާއިންވަނީ ބުނެފައެވެ.
މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކްސް އިން މިދިޔަ މަހު 1.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު އެއީ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ 46.6 ޕަސަންޓެވެ.
މީގެއިތުރުން ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އާމްދަނީގެ 39.3 ޕަސަންޓެވެ.