ތިލަދުންމަތީ ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.
މި ދެ ރަށުގެ ތެރެއިން ކުރިނބީ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް އަބްދުﷲ އަސްލަމްއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި ކަމުގެ ސަބަބުން ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބަރ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެހީއަކަށްވެގެން ދާނެ ކަމަށެވެ. އަދި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު ރައީސް ފަތުހުﷲ ހަސަންއެވެ.
އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއް ގޮތުގައި ފިއްލަދޫ ފާހަގަ ކުރެވޭ ކަމަށް ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ޝިޖާއު ވަނީ ވިދާޅުވެފައެވެ.
އަދި އެ ރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު އެ ރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށް މަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައި ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކުރިނބި އަދި ފިއްލަދޫގައި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ވަނީ ނަގާފައެވެ.