7 އޮކްޓޯބަރ އިން ފެށިގެން ވޭތުވެދިޔަ 4 މަސް ދުވަސް ތެރޭގައި މެދުކެނޑުމެއް ނެތި އިސްރާއީލުން ފަލަސްތީނަށް ބާރުގަދަ ހަތިޔާރާއި އެކު ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 28,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮއްލައިފައި ވާއިރު 68,000 އަށް ވުރެ ގިނަ މީހުނަށް ވަނީ އަނިޔާވެ އެތައް މިލިޔަން މީހުންގެ ގެދޮރުވަނީ ގެއްލިފައިއެވެ.
ޣައްޒާ ސިޓީ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ނިރުބަވެރިން ހަނގުރާމަ ކުރަމުންދިޔަ އިރުގައި އަމުރު ނެރެމުން ދިޔައީ ޣައްޒާގެ ރައްޔިތުންވެސް އަދި ހުޅަނގު އައްސޭރީ ރައްޔިތުންވެސް ރަފާއަށް ދިއުމަށެވެ. ސަބަބަކަށް ބުނެފައިވަނީ ރަފާއަކީ މި ހަނގުރާމާއިގެ “ސޭފް ސްޕޭސް” ކަމަށެވެ. އޭރުގައި ބުނަމުން ދިޔައީ ރަފާ އަށް އިސްރާއީލުގެ ސިފައިން ނާރާނެ ކަމަށެވެ. އެތަނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ރައްޔާތެރިތަނެއް ކަމުގައިއެވެ. މި ހަނގުރާމައިގެ ކުރިން ރަފާގެ އާބާދީ އަކީ 300,000 މިހުންނެވެ.އެއީ ގާތްގަނޑަކަށް މާލޭގެ އާބާދީއެވެ. ނަމަވެސް މި ހަނގުރާމާއިގެ ތެރޭގައި ރަފާގެ އާބާދީ ވަނީ 1.4 މިލިޔަނަށް އަރާފައިއެވެ. ރަފާ މިހާރު ވެފައިވަނީ ބިމުގެ ބޮޑުމިނާ ބަލާ އެންމެ މީހުން ގިނަ ސިޓީއަށްވަފައިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ރަފާއަށް އެއްކޮއްފައިމިވަނީ ކުރިން ރާވައިފައިވާ ޕްލޭނަކާއި އެކުގައި ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. މި ކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބާލާ ނަސްލުނައްތާލުމެވެ. ރަފާއިން ބޭރުވާން އިސްރާއީލުން އަމުރު ކޮއްފައިވާއިރު ބަދަލުވާންވީ ތަނެއް ނުވަތަ އިތުރު “ސޭފް ސްޕޭސް” އެއް ދައްކާފައިނުވާކަން ފާހަގަ ކޮއްލެވެއެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އިސްރާއީލުގެ އަމާޒަކީ ރަފާގައި ތިބި 1.4 މިލިޔަން މީހުން މިސްރަށް ބަދަލުކޮށް ބިން ފޭރިގަތުމެވެ.
އެމެރިކާގެ ރައީސް ވެސް ވަނީ ރަފާގެ “ހަމަޖެހުން” ގެނައުމަށް އިސްރާއީލަށް ގޮވާލާފައިއެވެ. ނަމަވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވެއެވެ. އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮއްގެން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ކުރަމަންދާ މި ހަނގުރާމަ އަކީ މިހާރު “އެމެރިކަން ވާރ” އެއްގޮތުގައި ބާނީ ސެންޑާސް ވަނީ ރަމްޒުކޮއްފައިއެވެ.
މިސްރުގައި އިސްރާއީލުގެ ސަރުކާރާއި އެކުގައި ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާ، ގަތަރު އަދި މިސްރުން ކުރަމުންދާއިރު އަދިވެސް ސުލްހައިގެ އެއްވެސް މަގެއް ފެންނަ ހިސާބަކަށް މަޝްވަރާތަކެއް ނުދެއެވެ. އެއާއި ހިލާފަށް އިސްރާއީލުން ދަނީ ހަނގުރާމައިގެ އަޅުނދުތައް ރަފާއަށް ގެނެސް ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ހާސްކަން އިތުރުކުރަމުންނެވެ. ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައިވެސް 133 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮއްލާފައިއެވެ. 130 ދުވަސް ވެފައިވާ މި ހަނގުރާމާގައި ކުށެއްނެތް 11,000 އަށް ވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮއްލައިފައިއެވެ.