އެސްއެމްއީ ހަބުގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި ބީއެމްއެލް އިން ވަނީ ލުއި ލޯނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލޯނު އެޕްރޫވް ކޮށް އެކައުންޓަށް ފައިސާ ޖަމާކޮށްދޭ ގޮތަށް އުސޫލު ބަދަލު ކުރިކަން އިއުލާނު ކޮށްފައެވެ.
މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރަށްވާއިރު، މިހާރު ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭކިންގައި ކްރެޑިޓް ލިމިޓު ފެންނަން ހުންނާނެ އެވެ.
މި ލޯނަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ބަރާބަރަށް 12 މަސް ދުވަހުގެ މުސާރަ އެކަންޓަށް ޖަމާވެފައިވާ، މީގެ ކުރިން ނަގާފައިވާ ލޯނެއްގައި މައްސަލައެއް ނުޖެހި ފައިސާ ދައްކާފައިވާ ކަސްޓަމަރަކަށް ވާނެ ޖެހޭނެއެވެ.
މި ލުއި ލޯނުގެ ދަށުން އެއްވެސް ރަހުނަކާއި ގެރެންޓަރަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްކަތަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައިކަމަށެވެ.