މާލޭގެ މަގުތަކުގައި ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ޕްރޮގްރާމެއްގެ ދަށުން އެ މަސައްކަތް ކުރިއަށްގެންދާއިރު އެ ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތި ތޮއްޖެހިފައިވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވުމާއެކު ގޮންޖެހުންތަކުން އަރައިގަނެ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށާވަރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
އެ މަސައްކަތްތައް ކުރުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މިއަދުގެ އެ ރަސްމިއްޔާތަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ހަމައެއް ނެތި ވެހިކަލްތައް ގިނަވަމުންދާތީ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި ގާނޫނުތައް ތަންފީޒުކުރުންވެސް މުހިއްމު ކަމަށެވެ.
މިނިސްޓްރީއިން ބުނީ ގިނަ ދުވަހު ބޭނުންނުކޮށް މާލެ އަދި ހުޅުމާލެ މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނައްތާލަން ބޭނުންވެ އެހެންނަމަވެސް އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.