ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމަށް ހަމަލާދިން މައްސަލައިގައި 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ 22 އަހަރުގެ ދިވެހު ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު މިދިޔަ މަހު ތޫނު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ހަމަލާ ދީފައިވަނީ ޕީޖީ ޝަމީމް ކަސްރަތައް ނުކުމެ އުޅުއްވަނިކޮށްނެވެ. އަދި މި އަނިޔާގެ ސަބަބުން އޭނާގެ ވާއަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލަ ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްޑީޕީންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ސަރުކާރުންވެސް ވަނީ އެ ފަދަ ޓެރަރިޒަމްގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.