ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އަޑު އެއްސެވެމުށް ކުރާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ ކުރިންވެސް ރައީސް ވަނީ ރައްޔިތުންގެ ހާލު ބައްލަވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ/ފޭދޫ، ސ. ހުޅުމީދޫ، ސ. ގަން އަދި ފުވައްމުލައްސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލި، ގދ. ތިނަދޫ ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި ގއ. ދާންދޫގެ އިތުރުން ގއ. ކޫއްޑޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.