އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޖީހު ވިދާޅުވީ މުދާ ރާއްޖެ އަށް ގެންނަ ފަރާތްތަކުން ނުވަތަ ކޮންސައިނީ އިން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށެވެ. އަދި އެ ފަރާތްތަކުން ރުފިޔާއިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.
ވަޖީހު އިތުރަށް ވިދާޅުވީ އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށާއި، އެމްޕީއެލްއިން ވެސް އޭޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި މިކަން ވަރަށް އަވަހަށް ޓު އެޖެންޓުންނާއި އޯނަރުންނަށް އަންގާނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އަދި ބައެއް އެޖެންޓުންނާ މިހާރު ވެސް އެކަން ހިއްސާކޮށްފައިވާކަމަށާއި އެފަރާތްތަކުން ވެސް ޑޮލަރުން ފީ ދައްކަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮލަރުން ފީ ނަގަން ފެށުމާއެކު ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށްވެސް ހައްލެއް އަންނާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.