47.5 މިލިއަން ރުފިޔާގެ ޑްރަގް ފާއިތުވި ދޮޅު މަހެއްހާ ދުވަސް ތެރޭ ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިރޭ ފޭދޫ ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތް ކަށަވަރުކުރުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއާ މަތިކުރައްވައިފައިވާ ޒިންމާގެ ތެރެއިން, ރައީސްގެ ޚާއްސަ އިރުޝާދުގެ ތެރެއިން އެންމެ އިސްކަންދެއްވާ އެއް ކަންތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްތުވާތަކެތީގެ ވަބާއިން ފަރުވާއަށް ގާތްގަނޑަކަށް 800 އެއްހައި މީހުންނަށް ހުކުމް ކޮށްފައިވާއިރު މިހާރު 300 އެއްހައި މީހުންގެ ފަރުވާ ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ 1800 އަށްވުރެ ގިނަ މީހުން މިހާރުވެސް ރާއްޖެއިން ބޭރުކޮށް، ބައެއް މީހުން ޑީޕޯޓުކުރެވިފައިވާކަމަށް ވެސް މިނިސްޓާރު ވިދާޅުވިއެވެ. އަދި މިއީ މިފަދަ ބިދޭސީންގެ ފަރާތުން ރާއްޖޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.