އިތުރު މެންބަރަކު އެމްޑީޕީގެ ރައީސްކަމަށް ވާދަނުކުރުމުން އެ ޕާޓީގެ ރައީސްކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިއްޖެއެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވައި، ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެހެންވެ، އެ ޕާޓީގެ ވަގުތީ ރައީސްކަން މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އެ މަގާމަށް ކުރިމަތިލާން އެމްޑީޕީން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުޅުވާލައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު އެ މަގާމަށް ޝާހިދު އެކަނި ކުރިމަތިލެއްވުމުން އިންތިހާބަކާ ނުލައި އޭނާ ހޮވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ތަސްދީގުކުރެވުނު އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ޝާހިދު ކުރައްވާފައިވެއެވެ.