ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީއެލް)ޢިން ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.
މި އޭޕްރަން ބޭނުންކުރަން ފެށުމުގެ ގޮތުން އެ ތަނަށް ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. މި ތަނަކީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި މާކެޓުކުރަން ހަމަޖެހިފައިވާ ތަނެއް ކަމަށް އާރުއޭސީއެލްއިން ބުނެފައިވާއިރު، އެ އެއާޕޯޓުގެ އަޕްގްރޭޑިންގް ޕްރޮޖެކްޓް ނިމުމުން އައިސޮލޭޝަން ހަބެއްގެ ގޮތުގައި އެ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
އާރް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އޭޕްރަންގެ މަސައްކަތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑިންގް ޕްރޮޖެކްޓުގެ މަސައްކަތެއް ނޫން ކަމަށާއި މި މަސައްކަތަކީ ރައީސްގެ އިރުޝާދުގެ ދަށުން އެ ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
އަލަށް ތަރައްގީ ކުރި އޭޕްރަންގެ ބޮޑުމިނަކީ 42،000 އަކަފޫޓެވެ. މި ތަނަކީ އެއްފަހަރާ ހަ ޖެޓް ޕާކުކުރެވޭ ޖާގައިގެ ތަނެކެވެ.